އުމުރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ބައެއް އެހެން ގްރޫޕްތަކުން ވެސް އުސޫލުތަކާ ހިލާފުވެފައިވާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ދިޔަ 23 މީހަކު، އުމްރާގެ އަޅުކަމަށް ދެއްކި ފައިސާ އަލްހިޖުރަ ގުރޫޕުގެ އެހެން ކަމަކަށް ބޭނުންކުރުމުން ރިޓާން ޓިކެޓު ނުނެގިގެން، އެމީހުން ވަނީ ސައުދީ އަރަބިއާގެ މައްކާގައި ތާށިވެފައެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ހާލުގައި ޖެހުނު މީހުން ގެނައުމުގެ މަސައްކަތް ވަނީ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ އަލްހިޖުރަ ގުރޫޕާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅައިފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު މީޑިއާތަކަށް ބުނީ އުމުރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ބައެއް އެހެން ޖަމާއަތްތަކުން ވެސް ހިލާފުވެފައިވާކަން މިހާރު ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ ޖަމާއަތްތަކުން އިހުމާލުވި މިންވަރަށް ބަލާ އަންނަ ހަފްތާ ތެރޭ އެ ޖަމާއަތްތަކަށް ފިޔަވަޅު އަޅަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހާލުގައި ޖެހުނު އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ގަތަރު އެއާވޭސްގައި އެ މީހުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:10 ގައި ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަމާއި ގާނޫނީ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރާނެ ކަމަށް ބުނެފައެވެ.
މިިނިސްޓްރީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އުމްރާއަށް ގެންދިއުމަށް އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާސް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަނުދިނުމުގެ އިތުރުން ހިޖުރަ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު