އެމެރިކާގެ ލޮސް އެންޖެލެސްގެ ތިން ސަރަހައްދަކުން އަދިވެސް އަލިފާންގަނޑު ފެތުރެމުންދާ ކަމަށް އޮފިޝަލުންނާ ހަވާލާދޯ ރިޕޯޓުތައް ބުނެފިއެވެ.

ލޮސް އެންޖެލެސްގައި ކުއްލިޔަކަށް ރޯވި އަލިފާންގަނޑު ހުއްޓުމެއް ނެތި ތިން ސަރަހައްދެއްގައި ފެތުރެމުންދާއިރު، އަލިފާން ނިއްވާ ޓީމުތަކުން ބުނެފައިވާގޮތުގައި މި އަލިފާންގަނޑު ފެތުރެމުންދާ ގޮތަށްވެސް ދަނީ ބަދަލުތައް އަންނަމުންނެވެ. ނިއްވުމަށް އުނދަގޫވެފައިވަނީ އެހެންވެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަލިފާން ރޯވެ ފެތުރެމުންދަނީ ހާސްޓް ސަރަހައްދާއި ލިޑިއާގެ އިތުރުން ސަންސެޓް ސަހައްދުގައި ކަމަށް އޮފިޝަލުން ބުނެއެވެ.

އަލިފާން ރޯވި ސަރަހައްދުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާ އިރު، އެ މަންޒަރުތަކުން ފެންނަނީ ބޮޑު ސަރަހައްދެއް އަނދައި އަޅިޔަށްވެފައިވާ މަންޒަރުތަކެކެވެ. ހާއްސަކޮށް އެމެރިކާގެ ލޮސް އެންޖެލެސްގައި، ދުނިޔޭގެ ނަން މަޝްހޫރު އެތައް ބަޔަކު ދިރިއުޅޭ، އަގުބޮޑު، ބޮޑެތި ގެތައް އެއްކޮށް އަނދައި އަޅިޔަށް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޮސް އެންޖެލެސްގެ އޮފިޝަލުން ބުނީ މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށާއި އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިހާތަނަށް 180،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.