އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގެންދިޔަ މީހުން ހާލުގައި ޖެއްސި މައްސަލައިގައި އެ ގްރޫޕު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އެ ކުންފުނީގެ ހުއްދަ ހިފަހައްޓައިފިއެވެ.
އެނގިފައިވާ ގޮތުގައި އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 23 މީހަކު އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއާގެ މައްކާގައި ތާށިވީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގުރޫޕުން އެހެން ކަންކަމަށް ބޭނުންކުރުމުން ޓިކެޓު ނުނެގިގެންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ތާށިވި އުމްރާވެރިންނާ ގުޅައި ވާހަކަ ދައްކައި ހާލަތު ބައްލަވާފައިވާ ކަމަށެވެ.
އެގޮތުން މައްކާގައި ތިބި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ އިރުޝާދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލަށް ދެއްވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހިޖްރާ ގްރޫޕުން ޑިސެމްބަރު އުމްރާ އަށް ގެންދިޔަ އުމްރާވެރިން ފައިސާ ދެއްކިޔަސް އެ ފައިސާ ވަނީ ކުންފުނީގެ އެހެން ކަމަކަށް ބޭނުން ކޮށްފައި ކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންވެ އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
- ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާސް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުން
- ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަނުދިނުން
- ހިޖުރަ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުން
- ހިޖުރަ ކުންފުނީގެ ފަރާތުން އުސޫލާ ހިލާފުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން
މިނިސްޓްރީން ބުނީ އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަމާއި ގާނޫނީ މަސައްކަތްތައް ފަސް ޖެހުމެއް ނެތި ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު