ކުރިން ޗެލްސީއާއި ބްރައިޓަންއަށް ކޯޗުކަން ކޮށްދިން ގްރަހަމް ޕޮޓާ، ވެސްޓް ހޭމްގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

އުމުރުން 49 އަހަރުގެ ޕޮޓާ ވެސްޓް ހޭމްއާ ހަވާލުވެފައިވަނީ އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ހުލެން ލޮޕެޓެގީ، އިއްޔެ މަގާމުން ވަކިކުރުމުންނެވެ. ހަ މަސް ދުވަހަށްފަހު ލޮޕެޓެގީ މަގާމުން ވަކިކުރީ ނަތީޖާތައް މާ ބޮޑަށް ދަށްވުމުންނެވެ.

ޕޮޓާ، ވެސްޓް ހޭމްއާ ހަވާލުވެފައިވަނީ ދެ އަހަރު ބައިގެ މުއްދަތަކަށް ހެދި އެއްބަސްވުމަކާއެކުގައެވެ. ވެސްޓް ހޭމް މިވަގުތު ލީގުގެ 14 ވަނައިގައި އޮތް އިރު، އެޓީމު އޮތީ ރެލިގޭޝަނަށް ދިއުމުގެ ބިރުގައެވެ. ވެސްޓް ހޭމްއާ ރެލިގޭޝަން ޒޯނާ އޮތް ފަރަގަކީ ހަތް ޕޮއިންޓްގެ ފަރަގެކެވެ.

ވެސްޓް ހޭމްއާ ޕޮޓާ ހަވާލުވުމުގެ ކުރިން އެންމެފަހުން އޭނާ އަދާކުރި ވަޒީފާއަކީ ޗެލްސީގެ ކޯޗުކަމެވެ. ޗެލްސީގެ ކޯޗުކަމުގައި ޕޮޓާއަށް ޕްރެޝަރު ބޮޑު ހާލަތްތަކެއް ކުރިމަތިވެފައިވާ އިރު، އޭނާ އެ ކްލަބުގެ ކޯޗުކަމުން ދުރުކުރީ 2023 ވަނަ އަހަރު އޭޕްރީލް މަހުގައެވެ. އޭގެފަހުން ޕޮޓާ އެހެން ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

ޕޮޓާއަކީ ޗެލްސީއާ އަލަށް ހަވާލުވި ވެރިޔާ ޓޮޑް ބޮއެލީ އެ ކްލަބަށް ގެންދިޔަ ފުރަތަމަ ކޯޗެވެ. އޭނާ އެފަހަރު މަގާމުން ވަކުކުރީ އެންމެ ހަތް މަސް ފަހުންނެވެ. އޭގެ ކުރިން ޕޮޓާ ބްރައިޓަންއާއެކު ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ އިރު، ޗެލްސީން ޕޮޓާ ގެންދިޔައީ 21 މިލިއަން ޕައުންޑްގެ ރިލީސް ފީއެއްވެސް ދެއްކުމަށްފަހުއެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކަށް އިރުޝާދު ދިނުމުގެ ކުރިން ޕޮޓާ ވަނީ އޮސްޓާސަންޑްސް އެފްކޭއާއި ސްވަންސީ ސިޓީއަށްވެސް އިރުޝާދު ދީފައެވެ.