ކުރީގެ އެކްޓްރެސް މޭގަން މާކަލް މައިދާނަށް އަލުން އައުމުގެ މަސައްކަތް ފަށައިފި ކަމަށް ނެޓްފްލިކްސް ޖުކީގެ ރިޕޯޓެއްގައި ދާދި ފަހުން ވަނީ ބުނެފައެވެ. އޭނާގެ ހޮލީވުޑްގެ ގުޅުންތައް ހީނަރުވެފައިވީ ނަމަވެސް، އަދި އޭނާގެ ނަމާ ގުޅިގެން އުފެދުނު ހަލަބޮލިކަމުގެ ވާހަކަތަކުގެ ތެރެއަށް ވެއްޓިފައިވީ ނަމަވެސް، އަލުން ތެދުވުމުގެ މަސައްކަތް މޭގަން އަންނަނީ ކުރަމުންނެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 'ސޫޓްސް' ޓީވީ ސީރީޒްގެ ތަރިއަށް އެކްޓިންގެ ދުނިޔެއަށް އަނބުރާ ވަދެވޭނެ ކަމަށް ނުބެލެވުނު ނަމަވެސް، ދިގު މުއްދަތެއްގައި ލައިފްސްޓައިލް އިންޑަސްޓްރީގައި އޭނާގެ ހަނދާންތައް ތައްގަނޑު ނެގިފައި ހުންނާނެ އެވެ.

ހޮލީވުޑް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މޭގަން ވަނީ ބޮޑެތި ނަފާތަކެއް ލިބިދާނެ ބައެއް ފިޔަވަޅުތައް އަޅައިފައެވެ. މީގެ ތެރޭގައި އިންސްޓަގްރާމް އެކައުންޓެއް ހުޅުވުން ހިމެނެއެވެ. ކުރު މުއްދަތެއްގެ ތެރޭގައި އޭނާގެ އެކައުންޓަށް ގިނަ ބަޔަކު ފޮލޯކުރަން ފަށާފައިވެއެވެ.

އީޕޮސް ނައުގެ އޯގަނިކް އެންޑް ވެބް މާކެޓިންގެ ޑިރެކްޓަރު ޓޮމް ސައުތުގެ ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ އެކްޓްރެސްގެ އާމްދަނީ އިންސްޓަގްރާމްގައި އޭނާއަށް ލިބެމުން އަންނަ ފޮލޯވަރުންގެ ސަބަބުން 100 މިލިއަން އެމެރިކާ ޑޮލަރަށް އަރައިދާނެ ކަމަށެވެ.

މިހާރުވެސް އެއް މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ލިބިފައިވާ ކަމަށާއި މި ދުވެލީގައި ކުރިއަށްދާނަމަ، ކޮންމެ ޕޯސްޓަކުން 100,000 އެމެރިކާ ޑޮލަރުން ފެށިގެން 250,000 އެމެރިކާ ޑޮލަރާ ހަމައަށް ލިބިގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ސައުތު ލަފާކޮށްފައިވެއެވެ. އަދި މި އަދަދު އެއް މިލިއަން ނުވަތަ އެއަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ޕަބްލިކް ރިލޭޝަންސް ދާއިރާގެ މާހިރެއް ކަމަށްވާ ނިކް އީޑްގެ ބަޔާނެއްގައި ބުނެފައިވަނީ މޭގަން މާކްލް އަލުން އިންސްޓަގްރާމަށް އައުމަކީ އޭނާގެ މަޝްހޫރު ފޭނުންނާ އަލުން ގުޅުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ އީޑް އިތުރަށް ފާހަގަކޮށްފައިވަނީ، ޝަހުސިއްޔަތު ފާޅުކުރުމަށާއި އަދި އަމިއްލަ ވާހަކަ ކިޔައިދިނުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ހެޔޮ ފާލެއް ކަމަށެވެ.

އެހެންނަމަވެސް، މި ދާއިރާގެ މާހިރުންގެ ލަފާގައި ބުނާ ގޮތުގައި، މޭގަންގެ ކުރިއެރުން ބިނާވެގެންދާނީ އޭނާގެ ސޯޝަލް މީޑިއާ ހަރަކާތްތަކުގެ މައްޗަށާއި، އޭނާގެ ބްރޭންޑް ތަރައްގީކުރުމުގެ މަސައްކަތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، އޭނާގެ ފޭނުންނާއެކު އަލުން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށްވެސް މި ކުރިއެރުން ބިނާވެގެންދާނެއެވެ.