އެމެރިކާގައި ފުރަތަމަ ފަހަރަށް ދޫނިރޯގާ ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ދޫނިރޯގާ ނުވަތަ އެޗް5އެން1 ޖެހިގެން އެމެރިކާގައި މީހަކު މަރުވެފައި ވަނީ އެގައުމުގެ ލޫސިއާނާގައެވެ. ލޫސިއާނާގެ ސިއްހީ އޮފިޝަލުންނާހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ދޫނިރޯގާގެ އެންމެ ނުރައްކާ އެއް ބާވަތް ހަށިގަނޑުން ފެނިފައިވާ އެމީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 65 އަހަރުގެ އެމީހާގެ މައުލޫމާތާއި އެމީހާއާ ގުޅުން ހުރި މީހުންގެ މައުލޫމާތު ހޯދަމުން އަންނައިރު މިހާތަނަށް އަދި ބަލި ޖެހިފައިވާ ގޮތް ހޯދިފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ އަހަރު އެމެރިކާއިން ދޫނި ރޯގާގެ 66 ކޭސް ފެނިފައިވާއިރު އެގައުމުން ވަނީ އާންމު ނުރައްކާތެރި ރޯގާގެ ކެޓަގަރީއަށް ދޫނި ރޯގާ އަރާފައި ނުވާކަމަށް ބުނެފައެވެ.

ދޫންޏާއި ބައެއް ބާވަތުގެ ޖަނަވާރަށް ވައިރަހެއްގެ ޒަރިއްޔާއިން ޖެހޭ ދޫނިރޯގާގެ ކޭސްތައް ގިނައިން ފެންނަ ނަމަވެސް އިންސާނުންގެ ގައިން އެވައިރަސް ފެނުން މަދުކަމަށް އޮފިޝަލުން ބުނެއެވެ.