ޓިބެޓަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 126 އަށް އަރައިފިއެވެ.

ރިކްޓަ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ޓިބެޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 126 އަށް އަރާފައިވާއިރު 188 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހިމާލިއާ ސަރަހައްދަށް އައި އެ ބިންހެލުމުގައި ޓިބެޓުގެ 1000 އަށްވުރެ ގިނަ އިމާރާތަށް ގެއްލުން ވެ ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ފިނިހޫނުމިން ދަށްވެފައިވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުން އަންނައިރު ޓިބެޓު ހިމެނޭ ސަރަހައްދުގެ ފިނިހޫނުމިން -16 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބިންހެލުމުގައި މީހުން ސަލާމަތް ކުރުމާއި ރެސްކިއު އެހީތެރިކަމަށް ޓިބެޓާ އެއް ބޯޑަރެއް ހިއްސާކުރާ ޗައިނާއިން ވަނީ އެ ގައުމުގެ އެއާފޯހާއި ޑްރޯންތައް ބޭނުންކުރަން ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.