ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ބަދަލުގައި، ރައީސާއި ނައިބު ރައީސް ފުލްޓައިމްކޮށް، ދެން ތިބި ކައުންސިލަރުންނަށް ބައްދަލުވުންތަކަށް އެލަވަންސް ލިބޭގޮތަށް ހެދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހިޔާލުދެއްވައިފިއެވެ.
ރައީސް ވަނީ މީގެ ކުރިން ވެސް ކައުންސިލުތަކުގައި ކައުންސިލަރުންގެ އަދަދު މާގިނަ ކަމަށް ވިދާޅުވެ، ކައުންސިލުތަކުގެ ކޮމްޕޮޒިޝަނަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ ވާހަކަތައް ދައްކައިފައެވެ.
ހުވަދުއަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރާ ވާހަކައާއެކު ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަންއަށް އަސަރުކުރާނެ ކަމަށްބުނެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ނިޒާމު މާ ހަރަދު ބޮޑުވުމުން، ހަރަދު ކުޑަކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ރަށެއްގައި، އެ ރަށެއްގެ އާބާދީއަށް ހިދުމަތްކުރަން ބޭނުންވާ އަދަދަށްވުރެ ގިނައިން ފުލްޓައިމްކޮށް ބައިވަރު ކައުންސިލަރުން ތިބުމަކީ ހަރަދު ބޮޑު ނިޒާމެއް. އެހެންވީމާ މި ހުރިހާ ކަމަކަށް އަލިއަޅުވާލައި، ކުރެވިދާނެ ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ތިބޭނީ ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅައި، އިންތިހާބުގައި ފުލްޓައިމް މަގާމަކަށް އިންތިހާބުކުރާނީ ކައުންސިލުގެ ރައީސްގެ މަގާމަށާއި ކައުންސިލުގެ ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުން ކަމަށް ކަނޑައަޅައި، ދެން މިހާރު ތިބޭ އަދަދަށް ކައުންސިލަރުން އިންތިހާބުކުރާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކަނޑައަޅައި، ކައުންސިލަރުންނަށް އެލަވަންސް ދޭނީ ޖަލްސާގައި ބައިވެރިވާ އަދަދަށް ބަލައިގެން ކަމަށާއި އެއީ ރާއްޖެ ނޫން ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތް ކަމަށެވެ. އަދި އެހެން ހެދުމުން ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަންއަށް ވެސް އަސަރު ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަމަ މިހާރު ތިބި އަދަދަށް ކައުންސިލަރުން ތިބޭނެ. އެހެންނަމަވެސް އޮފީހުގައި ފުލްޓައިމްކޮށް ގާއިމުވެ، އޮފީސް ހިންގަން ތިބޭނީ ރައީސާއި ނައިބު ރައީސް. މިކަން ކުރެވިދާނެ ރައީސް ކަމަށް ކުރިމަތިލާ މީހާއާ އެކުގައި ރަނިންމޭޓެއްގެ ގޮތުގައި މީހަކު ކުރިމަތިލައިގެން އެމީހާއާ އެކުގައި ވޯޓުލާން. އޭރުން އެއް ފިކުރެއްގެ، އެއް ހިޔާލެއްގެ، އެއް ސިޔާސީ ފިކުރެއްގެ ދެ މީހުންނަށް ވުމުގެ ފުރުސަތު ވެސް ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑަބްލިޔުޑީސީގެ ވެސް ރައީސާ އާއި ނައިބު ރައީސާ ފުލްޓައިމް ކުރެވިދާނެ ކަމަށާއި ސިޓީތަކުގައި ވެސް މޭޔަރާއި ޑެޕިއުޓީ މޭޔަރު އެކަނި އެއީ ފުލްޓައިމްކޮށް އެގްޒެކެޓިވް ރޯލު އަދާކުރާ މީހުންގެ ގޮތުގައި އިންތިހާބުކުރެވިދާނެ ކަމަށެވެ. އަދި ދެން ތިބޭ މެންބަރުންނަށް ބައިވެރިވާ ޖަލްސާތަކަށް އެލަވަންސް ދޭ ގޮތަށް ހެދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު