އެކިއެކި ވަބާތަކުން އަދި ދެވި ހިފާފައި ހުރި ބައެއް އާދަތަކުން ސަލާމަތްވުމަށް ނިންމުންތައް ނިންމަން ޖެހޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ދަތިކުރުމަށް ކުރާ ކަންކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު އެހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރުން ވަނީ މިދިޔަ މަހު ވޭޕް ބޭނުންކުރުން މަނާކޮށް، ދުންފަތުގެ އުފެއްދުންތަކުގެ ޓެކްސް ބޮޑުކޮށްފައެވެ.
ރައީސް ވިދާޅުވީ ގައުމު ތަރައްގީކުރުމުގައި ވަށާޖެހޭ، މާނަވީ، އަތުން ހިފޭ ތަރައްގީ ހާސިލުކުރުމުގައި އަދި ހޯދުމުގައި ކުރިއަށްދާން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި އޭރުން ގެންނަން ބޭނުންވާ ހަގީގީ ތަރައްގީ ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ.
"އެކިއެކި ވަބާތަކުން ގައުމު ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ތެރޭގައި ހުރި، އަށަގަނެފައި ހުރި، މޫލާފައި ހުރި، ދެވި ހިފާފައި ހުރި ބައެއް އާދަތަކުން ވެސް އަޅުގަނޑުމެން ހިތްވަރުލާފައި ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ނިޔަތުގައި ކުރާ ކަންކަން. އެއްގޮތަކަށް ވެސް އެއީކީ ރައްޔިތުންނަށް ދަތިކުރުމަށް، އުނދަގޫކުރުމަށް ކުރާ ކަންކަމެއް ނޫން. އަޅުގަނޑުގެ ނިޔަތް މިކަމުގައި ވަރަށް ސާފު،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމަށް ތަރައްގީ ގެނައުމުގެ މަސައްކަތްކުރަމުން، ސިކުނޑި ތަރައްގީކޮށް، އަހުލާގު ރަނގަޅުކޮށް، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، މި މުޖުތަމައަކީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީކުރާ މުޖުތަމައެއްގެ ގޮތުގައި ބަދަލުކުރުން އެއީ ވަށާޖެހޭ ތަރައްގީ ކަމަށެވެ. އެ ދެ ކަންތައް އެކުގައި ކުރާ ބަޔަކަށް ވުމުގެ އަޒުމު މިއަހަރު ކަނޑައަޅައިގެން އެންމެން އެކުގައި މަސައްކަތްތައް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަޅުގަނޑުމެންގެ ލޯ ކުރިމަތިން ގޯސްކަމެއް ފެނުނީމަ އެކަމަކަށް ނޫނެކޭ ބުނަން ކެރޭ ބަޔަކަށް ވާން އެބަޖެހޭ. ޒަމާންތަކެއް ވަންދެން ވަކިގޮތަކަށް ކަމެއް ގޯސްކޮށް ހިނގުމަކީ ދެން އެގޮތަށް ހަމަ ދޫކޮށްލައިގެން ތިބެން ވާން ޖެހޭނެ ކަމެއް ނޫންކަން އެބަޖެހޭ އަޅުގަނޑުމެންގެ ހިތުގައި ކަނޑައަޅައި، އަމަލުން ދައްކަން. ސަރުކާރު މިއޮތީ އެގޮތުގައި ކުރިއަށްދާން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައެއް ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމަށާއި ނަމަވެސް ކުރިއަށްއޮތް މުސްތަގުބަލަށްޓަކައި ޖީލުތައް ސަލާމަތްކޮށްދީ، ވަށާޖެހޭ ތަރައްގީއަކުން ތަރައްގީ ހާސިލުކޮށްދީފައި އޮތް، ހަގީގީ މާނައިގައި ތަރައްގީވެފައި އޮތް ދިވެހިރާއްޖެއަކަށް ހަދައިދިނުމަށްޓަކައި އެ ނިންމުންތައް ނިންމަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު