ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އެމްޓީސީސީ އަދި ވެމްކޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ބޮޑު ބައެއް އަންނަ ރޯދަ މަހުގެ ކުރިން ދައްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯނޑެއްދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން، ސަރުކާރު ހިއްސާވާގެ ކުންފުނިތައް ވަރަށް ބޮޑަށް މިސްމެނޭޖްކޮށްފައިވާ ކަމަށާއި އެގޮތުން ބޮޑު އަދަދެއްގެ ދަރަންޏެއް އެ ކުންފުނިތަކުން ދިވެހި އެހެން ކުންފުނިތަކަށް ދައްކަން ޖެހިފައިވާ ކަމަށެވެ.

"މި ޖެނުއަރީ އަދި ފެބްރުއަރީ މަސް ތެރޭގައި، ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރުޑީސީ، އެމްޓީސީސީ، ވެމްކޯ، މިހެން ކިޔާނެ ކަމެއް ނެތް، މިކަހަލަ ކުންފުނިތައް އާދައިގެ ކުދިކުދި ކުންފުނިތައް ލައްވާ މިފަދަ ރަށްރަށުގައި ހުންނަ ކުދިކުދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާގެ ބޮޑު އަދަދެއް ނުދެވި އެހެރީ. އެ ކުންފުނިތައް މިސްމެނޭޖްކޮށްފައި އޮތްލެއް ބޮޑުކަމުން. އެއިން ވެސް ބޮޑު އިންސައްތައެއް މި ބަލަނީ މި ދެ މަސް ތެރޭގައި ރޯދަމަސް އަންނަންވާއިރަށް، ޖެނުއަރީ އަދި ފެބްރުއަރީ މަހު ދީ ނިންމޭތޯ،" ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާ ދައްކަމުން އަންނަކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ބަޖެޓް ހަދާފައިވަނީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކަމަށެވެ. އެ ދަތިތަކާ އެކުވެސް ގައުމު ދަރަނިވެރިވިޔަ ނުދީ، އިގުތިސޯދު ކޮޅަށް ޖަހައި އެއްވެސް ފައިސާއެއް ޗާޕް ނުކޮށް ހުރިހާ ދަރަންޏެއް ދައްކަމުންދާ ކަމަށެވެ.

"މި ހިނގާ ހަފުތާ ތެރޭގައިވެސް ސަރުކާރުން، ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް 500 އަށްވުރެ ގިނަ މިލިއަން ހަމަ ދިވެހި އެކި އެކި ކުންފުނިތަކަށް އެބަ ދޫކުރަން. އެއީ ސަރުކާރުން ކުރުވާފައި ހުރި ކަންކަމަށް ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދޫކުރަމުންދާނެ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ ދަރަނިވިޔަ ނުދީ، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ދެމުން، ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން އަދި ފައިސާގެ އަގު ހިފަހައްޓައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަންކަން ކުރާނީ އެއްވެސް ގައުމަކަށް ވަކިން ގޮސް ހުސްވެ، ބަރޯސާނުވެ ދިވެހިރާއްޖެ އިސްކޮސްގެން، ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ޕޮލިސީ، ޕްރޯ މޯލްޑިވްސް ޕޮލިސީ ކަމަށާއި އެ މަނިކުފާނަށް އެންމެ މުހިންމީ ރާއްޖެއަށް އެންމެ ފައިދާވާ ގައުމުތަކާއި ގާތްގުޅުމެއް ބޭއްވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.