އިންޑިއާގައި ''އެޗްއެމްޕީވީ'' ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ.

ޗައިނާގައި ފެތުރެން ފެށި އަދި ދުނިޔޭގެ އެކި ގައުމުތަކުން ކޭސްތައް ފެންނަން ފަށާފައިވާ ހިއުމަން މެޓާނިއުމޯވައިރަސް ''އެޗްއެމްޕީވީ''ގެ ކޭސްތަކެއް ވަނީ އިންޑިއާއިން ވެސް ފެނިފައެވެ. އެ ގައުމުން ފެނުނު ކޭސްތަކުގެ ތެރެއިން ބެންގަލޫރުން 3 މަހުގެ ތުއްތު ކުއްޖެއްގެ އިތުރުން 8 މަހުގެ ތުއްތު ކުއްޖެއްގެ ހަށިގަނޑުން ވަނީ ''އެޗްއެމްޕީވީ'' ފެނިފައެވެ.

ބެންގަލޫރުގެ އިތުރުން އިންޑިއާގެ އަހުމަދުއާބާދުން ވެސް ވަނީ ''އެޗްއެމްޕީވީ''ގެ ކޭހެއް ފެނިފައެވެ. އަހުމަދު އާބާދުން ''އެޗްއެމްޕީވީ'' ފެނިފައިވަނީ ދެ ދެމަހުގެ ތުއްތު ކުއްޖެއްގެ ހަށިގަނޑުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ޗެންނާއީގެ އިތުރުން ސަލެމް އިން ވެސް ''އެޗްއެމްޕީވީ'' ކޭހެއް ފެނިފައިވާކަމަށް އޮފިޝަލުން ބުނާއިރު އިތުރު ކޭސްތަކެއް ފެނުމުގެ ފުރުސަތު އޮތުމުން ޓެސްޓުތައް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް އިން ވަނީ ''އެޗްއެމްޕީވީ''ގެ ކޭސްތައް ޓްރޭސް ކުރުމަށް ހާއްސަ ހަރަކާތެއް ފަށާފައެވެ. އެގޮތުން އެކި މަރުހަލާތަކުގައި ޓެސްޓުތައް ހަދަން ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން ''އެޗްއެމްޕީވީ''ގެ ކޭސްތައް ފެންނަން ފަށާފައިވާއިރު އެ ގައުމުގެ ސަރުކާރުން ވަނީ ވައިރަސް ފެނުނު ސަރަހައްދުތަކުގެ އިތުރުން ފެތުރޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރާން ފަށައިފައެވެ. އެގޮތުން ކޮވިޑް ދުވަސްވަރު އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.