ކޮރޮޕްޝަންގެ މައްސަލަތަކެއް ރިޕޯޓުކުރި އިންޑިއާގެ ޒުވާން ނޫސްވެރިޔާ، މުކޭޝް ޗަންދްކާރް މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ޗައްޓީސްގަރް ސްޓޭޓަށް ނިސްބަތްވާ އެ ނޫސްވެރިޔާ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މުކޭޝްގެ ހަށިގަނޑު ހުކުރު ދުވަހު ފެނިފައިވަނީ އޭނާގެ ފޯނު ޓްރެކް ކޮށްގެން ހޯދި މައުލޫމާތުން ފެނުނު ސަރަހައްދެއްގައި ހުރި ޓޭންކެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މުކޭޝްގެ މަރުގެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އާއިލީ ގޮތުން ގުޅުން ހުރި ދެމީހަކު ހިމެެނޭކަމަށްވެސް ފުލުހުން ބުނެއެވެ.

މުކޭޝް ޗަންދްކާރާ އަކީ އޭނާ ދިރިއުޅޭ ސްޓޭޓްގެ އާންމު ޕްރޮޖެކްޓްތަކުގައި ހިމެނޭ ކޮރޮޕްޝަނާ ގުޅުން ހުރި މައުލޫމާތު ރިޕޯޓު ކުރަމުން ދިޔަ ފްރީލާންސް ނޫސްވެރިއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުކޭޝް ވަނީ އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އެ މައްސަލަތަކުގެ މައުލޫމާތު އެއްކޮށް އާންމުކޮށް ހާމަކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މުކޭޝް ނިސްބަތްވާ ސްޓޭޓްގެ ޗީފް މިނިސްޓަރު ވަނީ އެ މައްސަލަ ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ވެސް ބުނެފައެވެ.