ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފިއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހިމް "ވަން" އަށް މިއަދު ވިދާޅުވީ އެ ބޯޓު ފަރަށް އަރައިފައި އޮތްކަން އާންމުންގެ މީހަކަށް އެނގިގެން ކައުންސިލަށް އެންގީ މިއަދު ހެނދުނު ކަމަށެވެ. ނާސިހު ވިދާޅުވީ ކައުންސިލްގެ ފަރާތުން ވަނީ ބޯޓު ފަރަށް އެރިކަން ފުލުހުންނާއި އެމްއެންޑީއެފްއަށް އަންގައިފައި ކަމަށެވެ.

ނާސިހު ވިދާޅުވީ ކައުންސިލުން ވަނީ ބޯޓާ މުއާމަލާތް ކޮށްފައި ކަމަށެވެ.

"ބޯޓުން ބުނީ އެމީހުންގެ އެހެން ބޯޓެއް އެބަ އަންނަ ކަމަށް ފަރަށް އެރި ބޯޓު ފުންކުރުމަށް އެހެންވެ އިތުރު އެހީއެއް ބޭނުންނުވާ ކަމަށް" ނާސިހު ވިދާޅުވިއެވެ.

ބޯޓު ފަރަށް އަރައިގެން އުޅޭކަން ފުލުހުންނާއި އެމްއެންޑީއެފްއަށް އެންގި ނަމަވެސް އެ ސަރަހައްދުގައި އެ ފަރާތްތަކުން ހަރަކާތްތެރިވަމުންނުދާ ކަމަށް ނާސިހު ވިދާޅުވިއެވެ.

"ފަހަރެއްގެ ވެދާނެ ބޯޓު އިތުރު އެހީއެއް ބޭނުންވާ ނުވާކަމަށް ބުނުމުން ސިފައިން ބޯޓު ފުން ކުރަން ނުދަނީ ކަމަށް" ނާސިހު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.

ނާސިހު ވިދާޅުވީ ބޯޓު ފަރަށް އެރި ނަމަވެސް ތެޔޮލީކުވުން ފަދަ ކަމެއް ހިނގައިފައިނުވާ ކަމަށެވެ. ބޯޓު ފުން ކުރެވުމުން ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށް ނާސިހު ވިދާޅުވިއެވެ.