ފޮރިން މިނިސްޓަރު، ޑރ. އަބްދުﷲ ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިނިސްޓަރު ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގަތީ މިއަދު އެވެ.

މި ދަތުރަކީ، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު، އަދި ފޮރިން މިނިސްޓަރު ޝެހިޚް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޑރ. ޚަލީލްގެ މި ދަތުރުގައި، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެހިޚް އަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މުސްތަގުބަލުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާވެސް ކުރައްވާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މިނިސްޓަރު ޑރ. ޚަލީލްގެ މި ދަތުރުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރީންނާ ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަތުރުގައި، މިނިސްޓަރު ޚަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.