އިޓަލީ ލީގަށް ވާދަކުރަމުން އަންނަ އެންޓޯނިއޯ ކޮންޓޭގެ ނަޕޯލީން ރޭ ކުޅުނު މެޗުގައި ފިއޮރެންޓީނާ ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ ނަޕޯލީން މޮޅުވީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެޓީމުން ރޭ ހޯދި މޮޅާއެކު އެއްވަނައަށް ޖެހިލީ 19 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ނަޕޯލީން ކުޅުނު މެޗުގެ ކުރިން އެއްވަނައިގައި އޮތް އެޓަލާންޓާ 18 މެޗު ކުޅެ، 41 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް އިރު، މެޗު ހަމަކޮށް، އެޓީމަށް އެއްވަނައަށް އަރަން ފުރުސަތު އެބައޮތެވެ.

އިޓަލީ ލީގުގެ ތިންވަނައިގައި މިވަގުތު އޮތީ އެންމެފަހުގެ ޗެމްޕިއަން އިންޓަ މިލާނެއެވެ. އެޓީމު މިހާތަނަށް 17 މެޗު ކުޅެގެން 40 ޕޮއިންޓާއެކު އޮތް އިރު، އިންޓައަށް ވެސް މެޗު ހަމަކޮށް، އެއްވަނައަށް އަރަން ފުރުސަތު އެބައޮތެވެ.

އެންމެފަހުން 2022-23 ވަނަ އަހަރު ސީޒަނުގައި އިޓަލީ ލީގު ކާމިޔާބުކުރި ނަޕޯލީއަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ ޑޭވިޑް ނެރެސްއެވެ.

އޭގެފަހުން ދެވަނަ ހާފުގައި ނަޕޯލީން ލީޑު ފުޅާކުރީ، 54 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ޖަހައިދިން ޕެނަލްޓީއަކުންނެވެ. ފުރިހަމަ މޮޅެއް ހޯދުމާ ދިމާލަށް ދިޔަ ނަޕޯލީއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލަކުންނެވެ.