ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަތޮޅުތެރޭ ރަށްރަށުގެ ގޭބިސީތަކަށް ދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތުގެ ފީ، މި މަހުން ފެށިގެން ކަރަންޓު ބިލުގައި ހިމެނުމަށް ނިންމި ނިންމުން ބަދަލުކޮށްފިއެވެ.

ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާފިއު، ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ ބިލުން ފެށިގެން މާލެ ސަރަހައްދާ އެއްގޮތަށް، ރަށްރަށުގައި ވެސް ވެމްކޯގެ ބިލު، އެ ތަނެއްގެ ކަރަންޓު ބިލާ އެއްކޮށްލާނެއެވެ. ކަރަންޓު ބިލަށް 34 ޔުނިޓު ނާރާނަމަ، އެ މަހެއްގައި ވެމްކޯއިން އެ ގޭބިސީއަކަށް ބިލެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަތޮޅުތެރޭ ރަށްރަށުގައި ވެމްކޯގެ ބިލު ކަރަންޓު ބިލުގައި ހިމެނުމަށް ނިންމި ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއެކު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ވެމްކޯގެ ހިދުމަތަށް ބިލު ކުރާނީ، އެ ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބިލަށް ފައިސާ ދެއްކުމުގެ ކަންކަން ވެމްކޯގެ އޮފީސްތަކުންނާއި އެ ކުންފުނީގެ އޮންލައިން ޕޯޓަލް "އަވަސް ޕޯޓަލް" އިން ދެއްކޭނެ ކަމަށް ބުންޏެވެ.