މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެން ބޮޑުވެ، މާލޭގެ މަގުތަކުން 30،400 ޓަނުގެ ފެން ބޭރުކޮށްފިއެވެ.

އެމްއެންޑީއެފް މީޑިއާ އިން މިއަދު ބުނީ އިއްޔެގެ 11:37 އިން މިއަދުގެ 8:30 އާ ހަމައަށް މާލެއިން 30،406 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ. އޭގެ އިތުރުން އެމްއެންޑީއެފުން 210 ގެޔަކަށް 1550 ވެލި ބަސްތާ ޖަހާދީފައިވާނެ ކަމަށެވެ.

އެމްއެންޑީއެފުން ރޭ ބުނީ މާލޭގެ ހަ ސަރަހައްދެއްގައި ޕަމްޕުތައް ބަހައްޓައި ފެން ހިންދުމުގެ މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ވެސްޓް ޕާކް ސަރަހައްދުގައި ފަސް ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ފަސް ޕަމްޕާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ތިން ޕަމްޕާއި ބޮޑު ވަޅާއި މާފަންނު ފެރީ ޓާމިނަލް އަދި ދިވެހިރާއްޖޭގެ އަޑު ސަރަހައްދުގައި ޕަމްޕެއް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފެން ހިންދުމުގެ މަސައްކަތުގެ ތެރެއިން ރޭ 8:30 އާ ހަމައަށް ވެސް މުޅި މާލެއިން ވަނީ 9،917 ޓަނުގެ ފެން ބޭރުކޮށްފައެވެ.

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އެގޮތުން ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެހީއަށް އެދި 400 ކޯލް ލިބުނު ކަމަށެވެ. އެހީއަށް އެދި ގިނަ މީހުން ގުޅައިފައިވަނީ ފެންބޮޑުވުމާ ގުޅިގެން ވެލި ބަސްތާ ޖެހުމަށާއި އެ ނޫން ވެސް އެކި ކަންކަމުގައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ 35 ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. އަދި މި ގެތަކުގައި ހިމެނޭ މީހުންގެ ތެރެއިން އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ މީހުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެނެވެ. އެގޮތުން އެންމެ ފަހުން ވައިޓް އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ.