2004 ވަނަ އަހަރު "މިސްޓަރ އެންޑް މިސަސް ސްމިތު" ގެ ސެޓުގައި އެކަކު އަނެކަކަށް ލޯބިވެ، ކުރު މުއްދަތަކަށް ކައިވެނި ކުރުމަށްފަހު، ޖިސްމާނީ އަދި ބަހުގެ އަނިޔާގެ ތުހުމަތުތަކާއި އެކި ހިޔާލުތަފާތުވުންތަކުގެ ސަބަބުން 'ނުބައި' ވަރިވުމުގެ ހަނގުރާމައެއް ހިންގުމަށްފަހު، އެންޖެލީނާ ޖޮލީ އަދި ބްރެޑް ޕިޓް މިހާރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ވަރިވުމުގެ މައްސަލަ ރަސްމީކޮށް ނިންމައިފައެވެ. މިއީ ހޮލިވުޑްގެ އެންމެ މަތީ ފަންތީގެ ތަރިންގެ މެދުގައި އަށް އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ ގާނޫނީ ހަނގުރާމައިގެ ނިމުމެވެ.
މި މައްސަލަ ނިމުމާއެކު އެންޖެލީނާ 80 މިލިއަން ޑޮލަރު މުއްސަނދިވެގެން ހިނގައްޖެއެވެ. ޑެއިލީ މެއިލްގެ ރިޕޯޓުގައިވާ ގޮތުން، ކައިވެނި ކުރުމުގެ ކުރިން އެ ދެމަފިރިން ވެފައިވާ އެއްބަސްވުމެއް އޮތް ނަމަވެސް، ވަރިވުމަށްފަހު ޖޮލީގެ މާލީ ހާލަތަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ ވަރިވުމާ ސީދާ ގުޅުންހުރި މުދާތަކެވެ. މީގެ ތެރޭގައި އެ ދެމަފިރިންގެ ޝާޓޯ މިރަވާލް އެސްޓޭޓްގެ ބައެއް ވިއްކާލުން ހިމެނެއެވެ. ނަމަވެސް، 'ވޯރ އޮފް ދަ ރޯސަސް' [ދެމަފިރިންގެ މެދުގައި ހިނގަމުންދާ ހަނގުރާމަ] އަދިވެސް ދެމިއޮތްކަމަށް ބަޔާންކޮށްފައިވެއެވެ.
ޑެއިލީ މެއިލްގެ މަސްދަރެއް ބުނީ "މި ބުރަ އޭނާގެ ކިބައިން ދުރުވެގެން ދިޔައީތީ ހުރީ ހިތްހަމަޖެހިފައެވެ. އޭނާ މިހާރު އެންޖެލީނާއާއެކު ކުރި ކައިވެންޏާ އެއްވެސް ގޮތަކުން ގުޅިފައެއް ނެތެވެ. އޭނާ [އެންޖެލީނާ] ވަނީ އޭނާ [ބްރެޑް]އަށް ވަރަށް ބޮޑަށް އުނދަގޫކޮށް ވޭންދީފައެވެ. އަދި މި ބައި ނިމުނީތީ އޭނާ [ބްރެޑް] ވަރަށް އުފާވެއެވެ." ކަމަށެވެ.
އެންޖެލީނާއަށް އެންމެ ބޮޑު މާލީ ފައިދާއެއް ލިބުނީ ޝާޓޯ މިރަވާލް އެސްޓޭޓްގެ އޭނާގެ ހިއްސާ ވިއްކާލުމުންނެވެ. މި އެސްޓޭޓަކީ ކުރިން އެންޖެލީނާ އާއި ބްރެޑް ޕިޓް އެކުގައި މިލްކުކޮށްފައިވާ ތަނެކެވެ. 2021 ވަނަ އެންޖެލީނާ ވަނީ މި އެސްޓޭޓްގެ 50 އިންސައްތަ ސްޓޮލީ ގްރޫޕްގެ ވައިން ޑިވިޝަން ކަމަށްވާ ޓެނުޓެ ޑެލް މޮންޑޯއަށް 64 މިލިއަން ޑޮލަރަށް ވިއްކާލައިފައެވެ. އެ ދެމަފިރިންގެ ވަރިވުމުގެ މައްސަލަ މިހާރު ނިމިފައިވީ ނަމަވެސް، މި މުދަލާ ގުޅޭ ގާނޫނީ ހަނގުރާމަ އަދިވެސް ކުރިއަށްދެއެވެ.
މީގެ އިތުރުން މެއިލްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެންޖެލީނާ ވަނީ ވިންސްޓަން ޗަރޗިލްގެ "ޓަވަރ އޮފް ދަ ކޫޓޫބިއާ މޮސްކް" ނަމަކަށް ކިޔާ ކުރެހުމެއް ކްރިސްޓީސްގެ ނީލަމެއްގައި 11.5 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މި ކުރެހުމަކީ ބްރެޑް ޕިޓް އެންޖެލީނާއަށް ދީފައިވާ ހަދިޔާއެކެވެ.
އެ ދެމީހުން ވަކިވިތާ ދެ އަހަރުފަހުން، ބްރެޑް ވަނީ އެންޖެލީނާއަށް މިހާރު އޭނާ ދިރިއުޅޭ ލޮސް އެންޖެލެސްގެ ގެ ގަތުމަށް 8 މިލިއަން ޑޮލަރު ދަރަންޏަށް ދީފައެވެ. އެއާއެކު، އޭނާ ވަނީ އެންޖެލީނާ އާއި އެ ދެމީހުންގެ ހަ ދަރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންގޮސްފައެވެ. ނަމަވެސް، މަސްދަރުތަކުން ހާމަކުރާ ގޮތުގައި އެންޖެލީނާ މި ދަރަނި އަނބުރާ ދައްކާނީ ޖެނުއަރީ 31 ގެ ކުރިންނެވެ. ގާނޫނީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ބްރެޑް ވަނީ މަދުވެގެން ނުވަ މިލިއަން ޑޮލަރު ދަރިންގެ ހަރަދުގެ ގޮތުގައި ދައްކައިފައެވެ.
ބްރެޑް އާއި އެންޖެލީނާ 2007 ވަނަ އަހަރު ނިއު އޯލިއަންސްގައި 3.5 މިލިއަން ޑޮލަރުގެ ގެއެއް ގަނެފައިވެއެވެ. އެ ދެމަފިރިން ވަރިވުމަށްފަހު މި ގެ ވިއްކާލާފައިވަނީ 4.9 މިލިއަން ޑޮލަރަށެވެ. އަދި ރިޕޯޓުތަކުގައިވާ ގޮތުން، އެ ދެމީހުން 323 މިލިއަން ޑޮލަރުގެ ސުޕަރ ޔޮޓެއް ބައިވެރިވެގެން ގަނެފައިވެއެވެ. ނަމަވެސް، މިހާރު މި ޔޮޓް މިލްކުވެގެންވަނީ ކާކަށްކަން ސާފެއް ނޫނެވެ.
ބްރެޑްގެ ސާފު މުދަލުގެ އަގަކީ 400 މިލިއަން ޑޮލަރެވެ. އަދި ޖޮލީ ދަނީ އޭނާގެ އެހެނިހެން ވިޔަފާރިތަކާއެކު، މީގެ ތެރޭގައި ރަނގަޅަށް ފައިދާ ލިބެމުންދާ އާޓް ގެލަރީއެއްވެސް ހިމެނޭ ގޮތަށް، ހޮލިވުޑްގެ އެންމެ މަތީ އުޖޫރަ ލިބޭ އަންހެން ތަރިންގެ ތެރޭގައި ހިމެނެމުންނެވެ. މި ދެމަފިރިން ކައިވެނި ކުރުމުގެ ކުރިން ވެފައިވާ އެއްބަސްވުމެއްގައި ވަނީ ވަރިވާ ހާލަތެއްގައި އަމިއްލަ މުދާތައް ވަކިން ބެހެއްޓުމަށާއި، އެކުގައި ހޯދާފައިވާ މުދާތައް ބަހާލުމަށް އެއްބަސްވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން