ގައުމީ އެއާލައިން، މޯލްޑިިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓަށް މަރުހަބާ ކިޔުމަށް ބާއްވާ އެއާ ޝޯގައި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއަށް ހާއްސަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ330 އަށް މަރުހަބާ ކިޔުމަށް އެއާ ޝޯއެއް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ބުނީ އެ އެއާ ޝޯގެ ފޮޓޯ ނުވަތަ ވީޑިއޯއެއް ނަގައި އިންސްޓަގްރާމް، ފޭސްބުކް ނުވަތަ އެކްސްގައި ޕޯސްޓުކޮށްގެން އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
އޭގެ އިތުރުން އެ ޕޯސްޓުގައި @maldivianaero ޓެގްކޮށް، #MadivianAeroAirshow ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ. އަދި އެ ޕޯސްޓު ކުރާ މީހެއްގެ ޕްރޮފައިލް ފެންނާނެގޮތަށް ޕަބްލިކް ކޮށްފައި ހުންނަންވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ކޮންމެ ސޯޝަލް މީޑިއާ އެކައުންޓަކަށް ވެސް ގިނަ ފޮޓޯ ނުވަތަ ވީޑިއޯތަކެއް ހިއްސާކުރުމުގެ ފުރުސަތު ލިބެއެވެ. އޮރިޖިނަލް ފޮޓޯ ނުވަތަ ވީޑިއޯ އެކަނި ބަލައިގަތުމަށް ހަމަޖެހިފައިވާ އިރު، އެއީ އެއާ ޝޯ އިވެންޓުގެ ފޮޓޯ ނުވަތަ ވީޑިއޯއަކަށް ވާން ޖެހެއެވެ.
މޯލްޑިވިއަންގެ އެއާ ޝޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 30 މިނެޓަށެވެ. މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމުގެ ސުން ގަޑިއަކީ މިމަހުގެ ނުވަވަނަ ދުވަހުގެ 14:00 އެވެ. އަދި މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ގައެވެ.
އެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާ އިނާމަކީ، އެއާ ޓްރާންސްފާއާއެކު ދެ މީހަކަށް ފަސްތަރީގެ ރިސޯޓެއްގައި ފުލް ބޯޑުގައި ދެ ރޭ ހުރުމުގެ ފުރުސަތެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް އިންޑިއާގެ ޓްރިވެންޑްރަމް ނުވަތަ ކޮޗިންއަށް ދަތުރުކުރުމަށް ދެ މީހަކަށް ދެކޮޅު ޓިކެޓު ދިނުމަށް ހަމަޖެހިފައިވާ އިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް ބޭނުންވާ ރާއްޖޭގެ ކޮންމެ ހިސާބަކަށް ދަތުރުކުރުމަށް ދެ މީހަކަށް ދެކޮޅު ޓިކެޓު ދިނުމަށް ހަމަޖެހިފައިވެއެވެ. އެއިން ކޮންމެ ފަރާތަކަށް ވެސް އެއާބަސް އޭ330-200 އެއާކްރާފްޓުގެ މޮޑެލްއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަންގެ އެއާ ޝޯ ކުރިއަށްގެންދަން ނިންމާފައިވަނީ މާލެ އަދި ހުޅުމާލޭގައެވެ. އެއީ މާލޭގެ އުސްފަސްގަނޑުގައާއި ހުޅުމާލެ އެކެއް އަދި ދޭއްގެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައެވެ.
ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަނުން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން އެހީތެރިވަނީ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގެ ތެރެއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހަމަޖައްސައިދިނުމަށް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
އެއާއެކު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މޯލްޑިވިއަނުން ވަނީ އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފައެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ނަގަން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
މި މަހު ފަށާ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ސީދާ ދަތުރުތައް ޗައިނާގެ ސަރަހައްދުތަކަށް ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ރާއްޖެއިން ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗަންގްޑޫ އަދި ޝިއާންއަށް އަންނަ މަހު ސީދާ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ވަނީ އިއުލާންކޮށްފައެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ކުރިން ބޭންކުރަމުން އައީ އެއާބަސް އޭ321 އަދި އެއާބަސް އޭ320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަނުން ވަނީ އެ ބޯޓު ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު