ސެލީނާ ގޯމެޒް ބެނީ ބްލޭންކޯއާ ކައިވެނިކުރުމަށް ތައްޔާރުވަމުން އަންނައިރު، އެ ކައިވެނި އިންތިޒާމު ކުރުމަށް އެހީވަނީ އޭނާގެ ގާތް ރަހްމަތްތެރިޔާ ޖެނިފާ އެނިސްޓަން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ޖެނިފާ ހުންނާނީ ކައިވެނީގެ ޖަލްސާގެ އެންމެ ކުރީ ސަފުގައި، ޓެއިލަރ ސްވިފްޓް، މެރިލް ސްޓްރީޕް، ކާރާ ޑެލެވިންގް އަދި އަރިއާނާ ގްރޭންޑް ފަދަ އެހެން އެންމެ ގާތް ރައްޓެހީންނާ އެކުގައެވެ.

ރިޕޯޓުތައް ބުނެފައިފައިވާ ގޮތުގައި، އޭނާ ސެލީނާ ދެކެނީ ކޮއްކޮއެއްގެ ގޮތުގައެވެ. އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އަދި މިހާރުވެސް ބުކޭއެއް އަދި ކާޑެއް ފޮނުވައި، އެހީތެރިވެދެވޭނެ ކޮންމެ ގޮތަކުން އެހީތެރިވެދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އޭނާ އަމިއްލައަށް ދެ ކައިވެންޏެއް ރާވާފައިވާތީ، ކައިވެނީގެ މަރުހަލާތަކާ ބެހޭގޮތުން ވަރަށް ގިނަ މައުލޫމާތުތައްވެސް އެނގެއެވެ.

ފާއުތުވި އަހަރުތަކުގައި ޖެނިފާ އާއި ސެލީނާގެ މެނޭޖަރަކީ އެކެކެވެ. މި ދެ މީހުންނަކީ ވެނިޓީ ފެއާ އިވެންޓެއްގައި ފާހާނާއެއްގައި ބައްދަލުވުމަށްފަހު ގާތް ރައްޓެހިންނަށް ވެފައިވާ ދެމީހުންނެވެ.

32 އަހަރުގެ ސެލީނާ އާއި އޭނާގެ ލޯބިވެރިޔާ 36 އަހަރުގެ ބެނީ ވަނީ އަހަރުތަކެއް ވާންދެން މިޔުޒިކް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކޮށްފައެވެ. ކައިވެނީގެ ވާހަކަ ދައްކަމުން، މައުލޫމާތު ދިން ފަރާތުން ހިއްސާކުރި ގޮތުގައި "ގިނަ އަދަދެއްގެ މަޝްހޫރު މެހެމާނުން" މި ހަފުލާގައި ބައިވެރިވާނެއެވެ.

ސެލީނާ ފުރަތަމަ ބެނީއާއެކު އޮތް ގުޅުން ކަށަވަރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން މި ދެމީހުން ގޯލްޑަން ގްލޯބްސް އަދި ޕްރައިމްޓައިމް އެމީސް ފަދަ އެކި އާންމު ހަފުލާތަކުގައި ބައިވެރިވެފައިވެއެވެ.