މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ދިޔަ ގިނަ ބަޔަކު މާދަމާ އެނބުރި ރާއްޖެއަށް އަންނާނެތީ، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެތީ ފުރާ މީހުން ފުލައިޓުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.
އެމްއޭސީއެލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާދަމާ ގިނަ އަދަދެއްގެ އުމްރާވެރިން އެނބުރި އައުމަށް ހަމަޖެހިފައިވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަގުތަކާއި ޓާމިނަލް ސަރަހައްދަށް ބާރުބޮޑުވާނެ ކަމަށެވެ.
އެމްއޭސީއެލުން ބުނީ މާދަމާ ހެނދުނު 6:00 އިން 9:00 އަށް 618 އުމްރާވެރިން ހިމެނޭހެން 2،678 މީހުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިވަގުތުތަކުގައި 1،372 މީހަކު އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ވެސް ވީއައިއޭއަށް ބާރުބޮޑުވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ ވަގުތުގެ ތެރޭގައި 2،071 މީހުން އެތެރެވާނެ ކަމަށާއި 1،091 ފުރާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ރާއްޖެ އަންނަ މީހުންގެ ތެރެއިން 452 މީހުންނަކީ އުމްރާގެ އަޅުކަމުން އަންނަ މީހުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ވަގުތުތަކުގައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ވެސް ފަސިންޖަރުން އަރުވައި ބޭލުމުގަޔާއި އެއާޕޯޓު ވަށައިގެންވާ ސަރަހައްދުގައި ޓްރެފިކް ފްލޯ ދެމެހެއްޓުމަށް އެއްބާރުލުން ދިނުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު