ހިޔާނާތުގެ މައްސަތަކުގައި ފިޔަވަޅު އަޅުއްވާއިރު އެ ހިޔާނާތް ހިންގީ ކޮން ބޭފުޅެއްތޯ ރައީސް ޑރ. މުހައްމަދު މުއިއްޒު، ނުބައްލަވާ ކަމަށާއި އެ މަނިކުފާނު ފިޔަވަޅު އަޅުއްވީ އެ ކުރި ކަމަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ކަންކަން މިހާ ހިސާބަށް ގޯސްވެފައި މިވަނީ އެފަދަ މައްސަލަތަކުގައި މީހާއަށް ބަލައިގެން ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަތަކުގައި މި ސަރުކާރުން ފިޔަވަޅު އަޅާއިރު އެއީ މި ސަރުކާރުގެ އިސް ބޭފުޅެއްތޯ ކުރީ ސަރުކާރުގެ އިސް ބޭފުޅެއްތޯ ރައީސް މުއިއްޒު ނުބައްލަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ކަން ކުރި މީހާއަކަށް ނޫން ބަލަންވީ، ކުރި ކަމަށް ބަލަންވީ. އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ވާ ގޮތެއް މިއީ ކަން ކުރި މީހާ އަށް ބަލައިގެން ކަންކަން ބަލަން އުޅުން. އެހެން އުޅެން ހަދައިގެން އަޅުގަނޑު މި ދެންނެވި ގޮތަށް އެ ފައިސާތައް ނުހޯދި މިހާ ގިނަ ދުވަސްވީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެކަން ކުރީ ކާކުތޯ ބެލުމެއް ނޫން. އެ ކުރީ ކޮން ކަމެއްތޯ. އެކަން ކުރީ ހަމައިންތޯ ނަހަމައިންތޯ ގާނޫނާ އެއްގޮތަށްތޯ ގާނޫނާ ހިލާފަށްތޯ މާލިއްޔަތު ގާނޫނުން އެކަން ކުރަން ތަންދޭތޯ އޭގައި ދައުލަތަށް ގެއްލުން ވަނީ ކިހާވަރެއްތޯ އެ ގެއްލުންވީ ކާކުގެ ސަބަބުންތޯ. އެ ހިސާބުން ކާކު މި ތަނަށް މި އަންނަނީ."
އަބްދުއްރަހީމް ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ކުށްވެރިވާ މީހުން ކަނޑައަޅާނީ އެކަމަށް އޮންނަ އިޖުރާއަތުން ކަމަށާއި އެ މީހާކާ މެދު ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށާއި މި ސަރުކާރުން އެކަންކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
ސިޔާސީ މަގާމުތަކަށާއި އެހެނިހެން މަގާމުތައް ރައީސް މުއިއްޒު، ބޭފުޅުން އައްޔަންކުރައްވަނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެއާ ހިލާފަށް އެހެނިހެން ކަންކަން ކުރައްވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނެކަން ރައީސް ގެންދަވަނީ ދައްކަވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ފަޒުލްއާމެދު ވެސް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަަޅައިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު