ޖެޖޫ އެއާގެ ކަޅު ފޮށި ތަހުލީލުކުރުމަށް އެމެރިކާއަށް ފޮނުވަން ނިންމައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު 181 މީހުންނާއެކު ބެންކޮކުން ދެކުނު ކޮރެއާގެ މުއާންއަށް ދަތުރުކުރި ފުލައިޓު ރަންވޭގައި ޖެއްސުމާއެކު ކޮންޓްރޯލް ނުވެ ރަންވޭ ނިމޭކޮޅުގައި ހުރި ފެންސެއްގައި ޖެހި ގޮވި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު ތަހުގީގަށް އެންމެ ބޮޑު ބާރެއް ލިބޭ އެ ފްލައިޓުގެ ކަޅުފޮށި ވަނީ ހޯދައިފައެވެ.
ދެކުނު ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ކަޅުފޮށި ތަހުލީލު ކުރުމަށް އެމެރިކާއަށް ފޮނުވައި ކަމާއިބެހޭ އެކްސްޕާޓުންގެ އެހީގައި މައުލޫމާތު އެއްކުރާނެއެވެ.
އޮފިޝަލުން ވަނީ ކަޅުފޮށި ފެނުނު އިރު އެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށާއި އެހެން ކަމުން، އެ ފޮށި ތަހުލީލުކޮށް މައުލޫމާތު ނެގުމުގެ ގާބިލުކަން ދެކުނު ކޮރެއާގައި ނެތް ކަމަށް ބުނެފައެވެ.
ކަޅު ފޮށި އެމެރިކާއަށް ފޮނުވާއިރު ދެކުނު ކޮރެއާގެ ހާއްސަ ޓީމެއް އެގައުމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެފޮށި އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ތަހުލީލު ކުރަން ހަމަޖެހިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ޖެޖޫ އެއާގެ ފްލައިޓު ގޮވި ހާދިސާ އަކީ ދެކުނު ކޮރެއާގެ ތާރީހުގައި ހިނގި އެފަދަ އެންމެ ހިތާމަވެރި ހާދިސާކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހާދިސާގައި ފްލައިޓުން ދަތުރުކުރި 179 މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ