މިއަހަރު އިގުތިސާދީ ފުދުންތެރިކަން އިއާދަވާން ފަށާނެ ކަމަށާއި އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށާއި އެއީ ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށްޓަކައި ކަމަށެވެ.
"ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒެވެ. ބޭސްފަރުވާއާއި އާންމު އަސާސީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމާޒެވެ. ހަމައެހެންމެ، ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމެވެ. ދުސްތޫރީ އިސްލާހުތަކެވެ. އެކި ރޮނގުރޮނގުން ސިންދަފާތުކޮށް ފުޅާކުރެވޭ އިގުތިސާދެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކާއެކީގައި ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެއް އެބައޮތް ކަމަށާއި ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ މިއަދުގެ އަމާޒަކީ އެއީ ކަމަށެވެ.
"2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެއެވެ. ނަތީޖާއަކަށް ވާނީ، އިގުތިސާދީ ފުދުންތެރިކަން އިއާދަވާން ފެށުމެވެ. މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެންދިޔުމެވެ. އެއާއެކު، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެއެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއް ކަމަށާއި ގައުމީ ފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި، ފަރުދީ ފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު