އެކިއެކި ބޭނުންތަކަށް ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގި އިމާރާތް އަނދައި ހުލުވުމާ ގުޅިގެން، ދަރުބާރުގޭގައި މިހާރު ކުރަމުން އަންނަނީ އެ މިނިސްޓްރީތަކުގެ މަސައްކަތްތަކެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން ދަރުބާރުގޭގެ ހޯލުތައް ކުއްޔަށް ދިނުން ވަގުތީގޮތުން ހުއްޓާލިކަން އާންމުކޮށް އަންގާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީގައި ދަރުބާރުގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ރޯވި ތިން މިނިސްޓްރީގެ ހިދުމަތްތައް ދަރުބާރުގެއިން ދޭން ފަށާފައިވަނީ މިމަހުގެ 15 ގައެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތާއި އެ ހާދިސާއާ ގުޅިގެން ކަންތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް މިމަހުގެ 14 ގައި ދަރުބާރުގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވަނީ، އެ ހާދިސާއާ ގުޅިގެން ބައެއް ޑޭޓާތައް ގެއްލިގެން އުޅޭކަމުގެ ވާހަކަތަކެއް ފެތުރުނު ނަމަވެސް މިހާތަނަށް ބެލިބެލުމުން ފުދޭވަރަކަށް ގިނަ ޑޭޓާތަކުގެ ބެކަޕް ހެދިފައި ހުރިކަން އެނގިފައިވާ ކަމަށެވެ.

ރައްޔިތުންނާ ސީދާ ގުޅުންހުރި، ހައުސިން މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާ ކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ، ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކިހިނެއް ހިނގި ހާދިސާއެއްކަން ދަންނަވަން އަދި ދަތި ކަމަށާއި އެ ހާދިސާ ތަހުގީގުކުރަނީ ރާއްޖޭން ބޭރުގެ ޓީމަކާ ގުޅިގެން ކަަމަށެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގަށް ރާއްޖެ އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމު މިހާރު ވަނީ ރާއްޖެއިން ފުރައިފައެވެ. ނަމަވެސް މިހާތަނަށް އެކަމުގެ ހޯދުންތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.