އާ ފެން ޕްލާންޓުތަކާއެކު މާލެއާއި ހުޅުމާލޭގައި ފެން އުފެއްދުމުގެ ގާބިލުކަން 30 އިންސައްތަ އިތުރުވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި މަތީން ވިދާޅުވީ، ފެން އުފެއްދުމަށް އާ ޕްލާންޓުތަކެއް ހޯދުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އޭރުން މާލޭގައި 5000 އަދި ހުޅުމާލޭގައި 5000 ޓަނު ފެން އުފެއްދުމުގެ ގާބިލުކަން ހުންނާނެ ކަމަށެވެ.
"30 އިންސައްތައަށް އިތުރު ކުރުމުގެ މަސައްކަތް ވަނީ ފެށި އެވޯޑުކުރެވިފައި. އޭގެ މާނައަކީ 2025 ގައި އެ ޕްލާންޓުތައް ބެހެެއްޓި، މާލެއާއި ހުޅުމާލޭގައި ފެން އުފެއްދުމުގެ ގާބިލުކަން 30 އިންސައްތަ އިތުރުވެގެންދާނެ މިހާރާ އަޅައި ބަލައިކަމުގައިވަނީ ނަމަ، ފެން ރައްކާކުރެވޭ މިންވަރަށް ބަލާއިރު މާލެއާއި ހުލުމާލޭގައި ރައްކާކުރެވޭ މިންވަރު ދެ ގުނަ ކުރުމަށް އަމާޒުކޮށް ފަށާފައި،" މަތީން ވިދާޅުވިއެވެ.
އެ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ އެކަމާ ގުޅުންހުރި އިދާރާތަކުން އެމްޑަބްލިޔުއެސްސީއަށް އެއްބާރުލުން ދިނުމުގައި އިހުމާލުތަކެއް ވަމުންދާ ކަމަށާއި ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"މި ކުރާ މަސަައްކަތަކުގެ ތެރެއަށް ހުރަސް ނާޅުއްވާށޭ އެއްވެސް އިދާރާއަކުން. އެއީކީ ރައްޔިތުންގެ މަސްލަހަތާއި އަދި ސަރުކާރުގެ މަސްލަހަތަކާވެސް ގުޅިފައި އޮތް ކަމެއް ނޫނޭ. ވާހަކަދައްކައިގެން ބައެއް ކަންތައްތައް ހައްލުކުރެވޭނެ. އަނެއްހެން ބުނާކަމަށްވަންޏާ މާ ބައިވަރު ލާރިތަކެއް ނޫން، މާކެޓަކުންނެއް. ޖުމުލަ 400 މިލިއަން މާކެޓުން ހޯދިއްޖެ ކަމަށް ވެއްޖެއްޔާ އަހަރު ކުރީކޮޅުގައި 200 މިލިއަން އަދި އަހަރުގެ ފަހުކޮޅުގައި 200 މިލިއަން،" އޭނާ ވިދާޅުވިއެވެ.
އަމީރު އަހުމަދު ސްކޫލު ކުރިމަތީ އެމްޑަބްލިޔުއެސްސީން ހަދާ ފެން އުފައްދާ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލަމުން މިއަހަރުގެ ޖުލައި މަހު މަތީން ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރު އޮތް ސަރުކާރުން ބުރިޖުގެ މަތިން ޕައިޕްލައިނެއް އަޅަން ނިންމި ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޕަމްޕު ސްޓޭޝަން އަޅާ ބިން އެ ކުންފުންޏަށް ނުލިބި އޮތުމުން މަސައްކަތް އޮތީ ނުފެށި ކަމަށް ވިދާޅުވިއެވެ.
"ބުރިޖުގެ މަސައްކަތް ނިމުނުއިރުގައި މިއަދާ ހަމައަށްވެސް އެ ހޮޅީގެ ދެކޮޅު އޮތީ ގުޅާނުލެވި. ބުރިޖުގެ ހޮޅި މާލޭގެ ވިއުގައަށް ގުލާލުމަށް ބޭނުންވާ ޕަމްޕު ސްޓޭޝަންގެ އަމަލީ މަސައްކަތް މި ފެށުނީ. ހުޅުމާލޭގައިވެސް ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. ދެން މި ޕަމްޕު ސްޓޭޝަން ނިމުނީމަ މާލެއާއި ހުޅުމާލެއާ ދޭތެރެ ގަޑިއަކު 800 ޓަނުގެ ފެން ދެކޮޅަށް އުފުލޭނެ،" މަތީން ވިދާޅުވެފައިވެއެވެ.
މަތީން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް އަހަރުތެރޭ ފެން އުފެއްދުމުގެ ގާބިލުކަން 10،000 ޓަނަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި އަހަރެއްހާ ދުވަސްތެރޭ މިހާރު ހުރި ފެނުގެ ހިދުމަތް ވަރަށް ބޮޑުތަން ރަނގަޅުކޮށް، ފެން އުފެއްދުމާއި ފެން ރައްކާކުރުމާއި އަދި ކަމެއް ދިމާވެއްޖެ ނަމަ މާލެއިން ހުލުމާލެއަށް ފެން ފޯރުކޮށްދިނުމުގެ ގާބިލުކަންވެސް ގާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު