ސްރީލަންކާގެ އިރުދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާތީ، ކުރިއަށްއޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި (ޖެނުއަރީ 1 އިން 5) އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އާރެނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ދުވަސްވަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އަދި ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ.