މުއާން އިންޓާނޭޝަނަލް އެއާޕޯޓަށް ދެކުނު ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ބޭރުގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިލެންޑުގެ ބެންކޮކުން ދެކުނު ކޮރެއާގެ މުއަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ޖެޖޫ އެއާގެ ފްލައިޓު ރަންވޭގައި ޖެއްސި ނަމަވެސް ފްލައިޓު ވަނީ މުއާން އެއާޕޯޓުގެ އިމާރާތަކާ މުޑިއަރައިފައެވެ.

އެ ފްލައިޓުން 175 ފަސިންޖަރުންނާއި ހަ ކުރޫ ދަތުރުކުރި އިރު، މިހާތަނަށް 85 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ސަލަމާތްވީ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ހާދިސާއާ ގުޅިގެން ރައީސް ވަނީ ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަން-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައި ކަމަށެވެ.

ރައީސްގެ މެސެޖުގައި، މަތިންދާބޯޓު ވެއްޓި ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވާ ކަމަށާއި އެ މަނިކުފާނުގެ މެސެޖުގައި، އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ހާއްސަކޮށް އެ ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ އެ ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިތްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.