މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް އޮންލައިންކޮށް ގާއިމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ނުވަތަ އީ-ޕޯޓަލް އަޕްގްރޭޑުކޮށް، ކޮންމެ ދުވަހެއްގެ ބިލަށް އަރާވަރު ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަޕްގްރޭޑުތަކާއެކު އެކުންފުނީގެ އީ ޕޯޓަލް ތައާރަފުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި ޗެއާޕާސަން އަދި ބޯޑު މެންބަރު ޝަމްހޫދާ އާދަމެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އޮންލައިން ހިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ ބޭނުމަކީ، ޒަމާނާ އެއްގޮތަށް ތިމާވެއްޓާ ރައްޓެހި އޮންލައިން ހިދުމަތްތައް ލުއިފަސޭހަކަމާއެކު އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އެ ރަސްމއިްޔާތުގައި އެމްޑަބްލިޔުއެސްސީގެ އައިޓީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު ހުނައިފު ވިދާޅުވީ މިފަހަރު ބަދަލު ގެނެސްފައިވަނީ ހަމައެކަނި އެޕްލިކޭޝަން އޭރިއާތަކަކުން ނޫން ކަމަށާއި ބިލިން އޭރިތަކުންވެސް ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ. އަދި ކުރިން ކަސްޓަމަރުންނަށް ފައިސާ ދެއްކުނު ބިލު ނޭނގުނު ނަމަވެސް މިހާރު ފައިސާ ދެއްކުނު ބިލު ފެންނަ ގޮތަށް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ޕާޓް ޕޭމަންޓު އިންސްޓޯލްމަންޓު އެގްރިމެންޓު ހަދާފައިވާ ކަސްޓަމަރުންނަށް މިހާރު ޕޯޓަލް މެދުވެރިކޮށް އިސްޓޯލްމަންޓަށް ވަކިވަކިން ފައިސާ ދެއްކޭނެ ކަމަށްވެެސް ހުނައިފު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން ވިދާޅުވީ 2024 ނިމިގެންދާއިރުގައި އެމްޑަބްލިޔުއެސްސީގެ ހިދުމަތް ހޯދަން އެޕްލިކޭޝަން ފޯމާއި އެޕްލިކޭޝަން ޕްރިންޓުކޮށް ސްކޭންކޮށް ފައިލުކޮށް މާޒިއާ އެކުވެގެންދާނެ ކަމަށެވެ.

"އެންމެންވެސް ބޭނުންވީ، ތިބި ހިސާބަކުން، ތިބި ދިމާލަކުން، ވީހާ އަވަހަކަށް ކަންކަންވާން. 23،000 ކަސްޓަމަރުން މާލޭގެ ކައުންޓަރުން މާލޭގައި ހިދުމަތް ހޯދާފައި އެބަހުރި. އެކި ކަންކަމުގައި 80،000 ކަސްޓަމަރުން ގުޅާފައި އެބަވޭ،" އޭނާ ވިދާޅުވިއެވެ.

މިއަދު ތައާރަފުކުރި ޕޯޓަލް މެދުވެރިކޮށް ކަންކަން އިތުރަށް ފުރިހަމަކުރަން ކަންކުރަންވީ ގޮތުގެ މައުލޫމާތުވެސް ލިބޭނެ ކަމަށާއި އަމާޒަކީ އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ހިދުމަތްތައް އަވަސް އަދި ފަސޭހަ އިންތިޒާމެއްގެ ތެރެއިން ހަމަޖެހުން ކަމަށް މަތީން ވިދާޅުވިއެވެ.

ހަމައެޔާއެކު އެމްޑަބްލިޔުއެސްސީން އޮޕަރޭޓް ކުރަމުންދާ ރަށްރަށުގެ ފެން މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ސްމާޓް މީޓަރު ހަރުކޮށްފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެން ބޭނުންކޮށްފައިވާ ގޮތުގެ ތަފްސީލާއި ފެން މީޓަރުގެ ރީޑިން އަދި ފެން ބިލުތަކުގެ ތެރެއިން ޑިއުވެފައިވާ ބިލުތަކާއި ބިލުތަކުގެ ތަފްސީލު ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.