ހޮލިވުޑްގެ މަޝަހޫރު ތަރި ޖަސްޓިން ބަލްޑޯނީ، އޭނާގެ ކުރީގެ އެކްޓިން ޕާޓްނަރު ބްލޭކް ލައިވްލީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަހުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި މައްސަލަ ދިމާވެފައިވަނީ ފާއިތުވި ހަފުތާގައި "އިޓް އެންޑްސް ވިތް އަސް" ގެ ފިލްމު ސެޓުގައި ބަލްޑޯނީ ލައިވްލީއަށް ޖިންސީ ގޯނާކުރި ކަމަށް ބުނުމާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި، އަންނަ އަހަރުގެ ފުރަތަމަ މަސައްކަތު ދުވަހު ކޯޓުތައް ހުޅުވުމާއެކު، ބަލްޑޯނީ އޭނާގެ ގާނޫނީ ލިޔެކިޔުންތައް ހުށަހަޅާނެ އެވެ.
ބަލްޑޯނީގެ ގާނޫނީ ވަކީލު ބްރަޔަން ފްރީޑްމަން ވަނީ ހުށަހެޅޭނެ މައްސަލަތަކުގެ އަދަދު ހާމަކުރުމަށް އިންކާރުކޮށްފައެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި، މައްސަލަ ފުރަތަމަ ހުށަހަޅާއިރު، އޭގެ ސަބަބުން ދޮގު މައުލޫމާތުތަކަށް މެނިޕިއުލޭޓްކުރެވިފައިވާ އެންމެންނަށް ވެސް ޝޮކެއް ލިބޭނެއެވެ.
ފްރީޑްމަން އިތުރަށް ފާހަގަކުރި ގޮތުގައި، މި މައްސަލަ ބިނާވެފައިވަނީ ހަގީގީ ހެކިތަކުގެ މައްޗަށެވެ. އެއީ "ތެދު ވާހަކަ ކިޔައިދޭނެ" އެއްޗެކެވެ.
"ގާނޫނީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރިއިރު، މީޑިއާ މެދުވެރިކޮށް ގަސްދުގައި ކުރިއަށް ގެންދާ މިފަދަ ނޭދެވޭ އަހުލާގީ ގޮތުނަ ދަށް އަމަލުތަކެއް އަހަރެން ދުވަހަކުވެސް ނުދެކެން." ފްރީޑްމަން ބުނިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލައިގެ މައިގަނޑު ބިންގަލަކީ ބަލްޑޯނީ އާއި އޭނާގެ ޕަބްލިކް ރިލޭޝަންސް ޓީމުން ލައިވްލީގެ އަބުރު ނަގައިލުމަށް ބަދުނާމުކުރުމުގެ ކެމްޕޭނެއް ހިންގި ކަމަށް ލައިވްލީ ކުރި ތުހުމަތެވެ.
މީގެ އިތުރުން، ލައިވްލީ އަށް ތުހުމަތުކުރެވެނީ ގާނޫނީ ގޮތުން ހޯދާފައިވާ މުއާސަލާތުތައް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.
މަޝްހޫރު މި ދެ ތަރިންގެ މެދުގައި އުފެދިފައިވާ މި މައްސަލައަކީ، އެ ދެ ފަރާތުން ވަކިވަކީން އެމީހުންގެ ފިލްމު ޕްރޮމޯޓްކުރަމުންދިޔައިރު، ހޫނު މޫސުމުގައި ފެތުރުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން އުފެދުނު ތުހުމަތުތަކާ ގުޅިގެން އައިސްފައިވާ މައްސަލައެކެވެ. ނިއު ޔޯކް ސިޓީގައި ބޭއްވުނު މި ފިލްމުގެ ޕްރިމިއާގައި ލައިވްލީ އާއި ބަލްޑޯނީ އެކަކު އަނެކަކާ ދުރުހެލިވުމުން، މިކަމާ ގުޅޭ އަޑުތައް އިތުރަށް ފެތުރިގެން ދިޔައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން