އިހަވަންދިއްޕޮޅުގައި ގާއިމުކުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓުން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ހިދުމަތްދީފިއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އެމްޕީއެލުން ގާއިމުކޮށްފައިވާ، "އިންޓަނޭޝަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓް" އިން ހިދުމަތް ހޯދުމަށް ބޭނުންވި ރާއްޖެއިން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ހިދުމަތްދީ ނިންމައިލެވިފައިވާ ކަމަށެވެ.
"މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެއް. މި ދުވަސްވަރު ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދަކަށް ޔޮޓު ފަހަރު ދަތުރުކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލުން ވަނީ ތައްޔާރުވެފައި،" ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރުތަކަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް ބޭނުންވާ އޮފީސް، އައިއެސްޕީއެސް ގޭޓް އިފްތިތާހުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ.
އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ޕޯޓު ތަރައްގީކުރުމާއި އެ މަޝްރޫއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުގައެވެ.
މިދިޔަ މަހު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެފައިވަނީ، ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ އަލީގައި ކުރިއަށްއޮތް ހައެއްކަ މަސް ތެރޭގައި ދާއިމީ އެއްބަސްވުމެއް ގާއިމުވުމުން، އެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އެންމެ ބޮޑު ކުންފުނި، ވިޓޯލް އިން އިހަވަންދިއްޕޮޅުގައި އިތުރު އިންވެސްޓްމަންޓް ކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އިހަވަންދިއްޕޮޅު ކައިރިން ނުވަތަ އެ ސަރަހައްދުން ކޮންމެ ދުވަހަކު 300 ވަރަކަށް ބޯޓު ދަތުރުކުރާ އިރު، އޭގެ ތެރެއިން ކުޑަ ޕަސަންޓެއް ރާއްޖޭގެ ބަންކަރިންގެ ހިދުމަތް ބޭނުންކުރުމަކީ ވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.
ސައީދު ވިދާޅުވެފައިވަނީ، ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން 15 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓުކޮށްފައިވާ ކަމަށާއި ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ އާދައިގެ ގޮތަކަށް ބަންކަރިންގެ ހިދުމަތް ފަށައި މަޑުމަޑުން ފުޅާކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު