ފަލަސްތީނުގެ ގާޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ގާޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިޒްރޭލުގެ ސިފައިން ވަނީ ސުވާލުކުރުމަށް ކަމަށްބުނެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ވެސް ގެންގޮސްފައެވެ. އަދި ބަލިމީހުން ހިމެނޭހެން ހޮސްޕިޓަލުގައި ތިބި ގިނަ ބަޔަކަށް އިޒްރޭލުން ސިފައިން އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލީ ފައުޖުން ހުޅުޖަހައި އަންދާލައި، ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި އަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ މުޅިން ހިލާފު، ނުރައްކާތެރި އަމަލެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިއީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކެނޑިނޭޅި ދެމުންގެންދާ އަނިޔާވެރި، އުދުވާނީ ހަމަލާތަކުގެ އިތުރު ލާއިންސާނީ ހަމަލާއެކެވެ. އަދި ސިއްހީ ހިދުމަތްދޭ މުހިންމު މަރުކަޒުތަކަށް މިފަދައިން ހަމަލާ ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ކަނޑައަޅާފައިވާ އަމަލެކެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް، ހާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން ގޮވާލާ ކަމަށެވެ.
އެ ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރް ބެން-ގްވީރް، އަލް އަގްސާ މިސްކިތަށް ވަނުން ވެސް ދިވެހި ސަރުކާރުން ވަނީ އިއްޔެ ކުށްވެރިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު