ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި ޖަޕާނުގެ މަޖިލިސް މެމްބަރަކު އަވަހާރަވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ، ޅ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާނުގެ 70 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ސްނޯކްލިންްއަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލަ އިއްޔެ ހެނދުނު 8:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގެ އިތުރު ތަފުސީލެއް ފުލުހުން އަދި ދީފައެއް ނުވެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޖަޕާނުގެ ވެރިކަން ކުރާ ޕާޓީއާ ހަވާލާދީ، އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އަވަހާރަވީ އެ ގައުމުގެ މަޖިލިސް މެންބަރެއް ކަމަށްވާ ޓޮޝިޔުކި އަޑާޗި އެވެ.
އެ ގައުމުގެ މަޖިލީހުން އެކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، ރާއްޖޭގައި އަވަހާރަވީ މެންބަރު ޓޮޝިޔުކި އަޑާޗި ކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.
އަޑާޗި އަކީ 2016 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ މަޖިލިސް މެންބަރުކަން ކުރައްވާ ބޭފުޅެކެވެ. އަޑާޗި އަވަހާރަވި އިރު، އޭނާ ގެންދެވީ މަޖިލީހުގެ ކޮމިޓީ އޮން ލޭންޑް އެންޑް ޓްރާންސްޕޯޓްގެ ޑިރެކްޓަރުކަމާއި ސްޕެޝަލް ކޮމިޓީ އޮން ޑިޒާސްޓާގެ ޑިރެކްޓަރުކަން ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު