އައު ސެކިއުރިޓީ ފީޗާތައް ހިމެނޭހެން، ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓްތައް ދޫކުރަން ފަށައިފިއެވެ.

ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ފުރަތަމަ ސެޓްފިކެޓް ދޫކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އެންމެ ކޮމްޕްލެކްސް އަދި ކޮރަޕްޓް ވެފައިވާ އެއް މައްސަލަ ކަމަށްވާ ޑޮމެއިންގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ހިދުމަތް ދިނުމަށްޓަކައި އަމާން، އިން-ހައުސް ނިޒާމެއް ތަންފީޒުކޮށްފައިވާ ކަމަށެވެ.

"ރައްކާތެރިކަމުގެ އިތުރު ފީޗާތަކާއެކު ފުރަތަމަ ޑޮމެއިން ސެޓްފިކެޓާއި ރަޖިސްޓްރީ މިއަދު ދޫކުރެވުނީތީ ފަހުރުވެރިވޭ. މިއީ ދެފުށް ފެންނަ އަދި އިތުބާރު ގެނައުމަށް އެޅި ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑު އަގުގައި ވިއްކަމުންދިޔަ ޑޮމެއިން ނަންބަރުތައް ވިއްކުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ހުއްޓައިލައިފައެވެ. އެއީ ޑޮމެއިން ވިއްކުމުގައި ހިޔާނާތަށް ތުހުމަތުވާ ކަންތައްތަކެއް ހިނގައިފައިވުމުގެ ސަބަބުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ 1،400 ޑޮމެއިން ނަމްބަރު ބޭނުން ކުރަމުން އަންނަ އިރު، އޭގެ ތެރެއިން ސައްހަ ޑޮމެއިންތަކަކީ 700 ކަމަށެވެ. ބާކީ 700 ޑޮމެއިންއަކީ ސައްހަ ނޫން ޑޮމެއިން ނަމްބަރުތަކަށްވާތީ ގާނޫނީ ނިޒާމުގެ ތެރެއަށް އެ ޑޮމެއިންތައް ފެއްތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސެކިއުރިޓީ ފީޗާސްތައް ހުންނަ ޑޮމެއިން ނަންބަރު ވިއްކަން، އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު އިސްލާހުކޮށް، މިހާރު ވަނީ ގެޒެޓުކޮށްފިއެވެ.