އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް، ސާބިތު ދަރަނީގެ ފައިސާ، ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކަމުންނުދާތީ މަގާމުން ވަކިކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބުނީ ސާބިތު ދަރަނީގެ ފައިސާ ނުދައްކާ ކަމަށް ޖޭއެސްސީން ކުރި ތަހުގީގުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުން، ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުމަކީ ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެ ކަމެއް ކަމުގައިވެފައި، އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެނަމަ އެ ފަނޑިޔާރަކު ހުރި މަގާމު ހުސްވީ ކަމުގައި އެ ގާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހިނދު، އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމްގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، އަލްއުސްތާޒު އަހްމަދު މުއާވިޔަތު ގާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު ހުސްވީކަމުގައި 2024 ޑިސެންބަރު 25 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 66 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި،" ޖޭއެސްސީން ބުންޏެވެ
އޭނާ އެ މަގާމުން ވަކިކޮށްފައިވާ އިރު، ޖޭއެސްސީން ވަނީ އޭނާ ތަހުގީގު ނިމެންދެން ސަސްޕެންޑް ކުރުމަށް މިދިޔަ މަހުގެ 27 ގައި ނިންމައިފައެވެ.
ޖޭއެސްސީން އޭނާ ސަސްޕެންޑް ކުރަން ނިންމީ ތަހުގީގަށް ހުށަހެޅިފައިވާ ހެއްކަށާއި އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގުކުރުމަށް އެޅިދާނެ ހުރަހަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް މައްސަލަ ނިމެންދެން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން އެއިރު ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު