ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެ މަސައްކަތަކީ ދިވެހި ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތެވެ. އެގޮތުން ސަރުކާރުން ވަނީ ދިވެހި ސިފައިންނަށް އެކި އާލާތްތައް ހޯދައި، ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބަލެހެއްޓުމަށް އަސްކަރީ ޑްރޯންތަކެއް ގެނެސްފައެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ގެނައި ޑްރޯންތައް ރައީސް އިފްތިތާހުކޮށްދެއްވީ މިދިޔަ މާޗް މަހުގެ 15 ގައެވެ. ދިވެހި ސިފައިން އަމިއްލައަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ގެނައި ތިން ޑްރޯންއާއެކު އެމްއެންޑީއެފް އެއާ ކޯ ވެސް ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.

ޑްރޯންތައް އޮޕަރޭޓް ކުރާނެ ބޭސްއަކީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ ހިދުމަތް އޮޕަރޭޓް ކުރާނީ އަލަށް އިފްތިތާހުކުރި އެމްއެންޑީއެފް އެއާ ކޯއެވެ.

ތުރުކީން ގެނެސްފައިވާ އެ ޑްރޯންތަކަކީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯންއެވެ. ސަރުކާރުން ނިންމާފައިވަނީ ޖުމުލަ ހަތް ޑްރޯން ގެންނާށެވެ.

ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރުން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯން ނެރެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.

ދިގުމިނުގައި ހަ މީޓަރު އަދި ފިޔަގަނޑުގައި 12 މީޓަރު ހުންނަ މި ޑްރޯން އަކީ 27 ގަޑިއިރަށްވުރެ ގިނައިރު އުދުއްސޭ އުޅަނދެކެވެ. ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯން 25،000 އަށްވުރެ ފޫޓު މަތިން އުދުއްސޭނެއެވެ. އަދި މި ޑްރޯންގައި 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ހުރެއެވެ.

އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތައް ހުންނަ މި ޑްރޯނަކީ ފުލީ އޮޓޮމޭޓެޑް އަދި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުންނަ އުޅަނދެކެވެ. މި ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފައެވެ. މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯއެވެ. އަދި މި ޑްރޯނުން އިންޓެލިޖެންސް ސަވޭލަންސް އޮޕަރޭޝަންސްތައް ހިންގުމުގެ އިތުރުން، އެޓޭކް މިޝަންސް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ވެސް ލިބެއެވެ.

ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމު، އެއާ ކޯ އިންނެވެ.

ނިމިދިޔަ ސަރުކާރުން އެހެން ގައުުތަކާއެކު ވެފައިވާ ސިއްރު އެެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އެ މުއްދަތުގައި ފެއްޓެވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެގޮތުގެ މަތިން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ނިންމެވި އެއް ނިންމެވުމަކީ އަވަށްޓެރި އިންޑިއާ އާއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރާން ނިންމައި، އެކަން އިންޑިއާއަށް އެންގެވުމެވެ.

އެ އެއްބަސްވުން އާ ނުކުރަން ސަރުކާރުން ނިންމީ، އެއްބަސްވުން ހަމަވުމުގެ ހަ މަސް ދުވަސް ކުރިން އެކަން އިންޑިއާގެ ސަރުކާރަށް ނާންގައިފި ނަމަ، އޮޓަމެޓިކުން ކުރިއަށްއޮތް ފަސް އަހަރަށް އެއްބަސްވުން ދެމިގެންދާނެތީއެވެ. އެހެންކަމުން އެ މުއްދަތުގެ ހަ މަސް ކުރިން އެއްބަސްވުން އާ ނުކުރަން އަންގާފައިވާތީ، އަންނަ ޖޫން ހަތެއްގައި އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

ސަރުކާރުން އޭރު ބުނެފައިވަނީ، ރާއްޖޭގެ ކަނޑުފަޅުގެ މައުލޫމާތުތަކަކީ ކާބަފައިންގެ ޒަމާނުއްސުރެންވެސް ދިވެހިންގެ ސިއްރެއް ކަމަށް ދެކި އެގޮތުގައި އަމަލުކުރަމުން އައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެ ފަހިގޮތަކީ އެކަމުގެ ގާބިލުކަން ރާއްޖޭގެ އަސްކަރިއްޔާގައި ގާއިމުކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށުން އެކަންތައްތައް ކުރިއަށް ގެންދިއުން ކަމަށް ސަރުކާރުން ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާގައި އެ ގާބިލުކަން އިތުރުކުރުމަށްޓަކައި ބެޖެޓުގެ ތެރެއިން ހާއްސަ މިންވަރެއް ރައީސް މުއިއްޒު އެކަމަށް ކަނޑައަޅުއްވައި ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދެއްވާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހައިޑްރޮގްރަފީ ދާއިރާއިން ކަންކަން ކުރަމުންދާނީ ސައްތައިންސައްތަ ދިވެހިންގެ ބެލުމުގެ ދަށުން، ދިވެހިންނަށް އެ މައުލޫމާތު އެނގޭ ގޮތަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ޑްރޯންތައް ދުއްވުމަށް ވެސް ދިވެހިން ބޭނުންކުރައްވަން ރައީސް ނިންމަވާފައިވަނީ ވެސް ދިވެހިން އަމިއްލައަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އަމާޒާއެކުއެވެ. ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މީހަކު، މިދިޔަ މާޗް 25 ގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ، އެއްގޮތަކަށްވެސް ބޭރުގެ ސިފައިން ރާއްޖޭގައި ގެންގުޅުމުގެ ސިޔާސަތު ނުގެންގުޅުއްވާ ކަމަށެވެ.

"މި ތައާރަފުކުރި ސިފައިންގެ އެއާކޯ ސާވިސްގަވެސް އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް، ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވާކަށް ނުތިބޭނެ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ އެ ޑްރޯންތައް އޮޕަރޭޓްކުރަނީ ދިވެހި ސިފައިންގެ ޓީމެއް ތުރުކީގައި ޑްރޯންތައް ދުއްވުމުގެ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ސިފައިން ތަމްރީނުވުމަށް އެ ގައުމަށް ދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކަނޑުމަތިން ގެއްލުނު މީހުންނާއި އުޅަނދުތައް ހޯދުމަށް މިހާތަނަށް އެ ޑްރޯންތައް ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ އުޅުނު ބޯޓެއް ވެސް މިދިޔަ ނޮވެމްބަރު މަހު ޑްރޯންތަކުގެ އެހީގައި ވަނީ އަތުލައިގެންފައެވެ.

އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ ޕްލޭންގެ ދަށުން ސަރުކާރުން ވަނީ ކުރިއަށްއޮތް ހަތަރު އަހަރު ސިފައިންގެ އަދަދު އިތުރުކުރުމަށް ނިންމައިފައެވެ. އެގޮތުން ކުރިއަށްއޮތް ހަތަރު އަހަރު ތެރޭ 4000 ސިފައިންނާއި 1000 ފުލުހުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ބޭނުންވާ ހިސާބަށް ސިފައިންގެ ހިދުމަތް ފުޅާކުރުމަށް އިތުރު 1000 ކުދީން ރެކްރޫޓުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ވެސް ކުރިއަށްއޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1000 ފުލުހުން އިތުރުކުރަން ޖެހޭ ކަމަށެވެ.

"ކުރިއަށްއޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެއަށް 4000 ކުދިން، އަދި ފުލުހުންނަށް 1000 ކުދިން އިތުރުވެގެންދާނެ. 2025 އަށް ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް، އެންޕީއައިގެ ތެރެއިން 400 މިލިއަން ރުފިޔާ މިކަމަށް ހާއްސަކުރެވިގެންދާނެ. އަދި ކޮންމެ އަހަރަކު އިތުރު 400 މިލިއަން އިތުރުކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށާއި އެ ޕްރޮގްރާމު ކުރިއަށްގެންދާނީ ގާނޫނެއް ހެދި، ގާނޫނީ ބާރުވެރިކަން ލިބިގެން ކަމަށެވެ. އަދި އެއީ އޯ ލެވެލް ނިންމުމަށްފަހު، އިތުރަށް ކުރިއަށްދިއުމަށް ފުރުސަތެއް ނެތް، ވަޒީފާ ނުލިބި ތިބި ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"އުމުރުން 16 އަހަރުވުމަށްފަހު އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި، ނޫނީ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދީންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖެއްޔާ މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަން ޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމު ނިންމައި، ފުލް އޮފިސަރަކަށް ސިފައިންގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ހިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކުރިއަށްއޮތް ތަނަށް ގައުމު ސަލާމަތާއެކު، މިނިވަންކަމާއެކު ފޯރުކޮށްދޭ ކަމުގައިވާނަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށާއި އެގޮތުން ވަސީލަތްތައް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ސިފައިންގެ ހިދުމަތަށް ހަތިޔާރާއި އާލާތްތައް އިތުރުކުރުމަކީ ވެސް ސަރުކާރުގެ ވިސްނުމެކެވެ. މިހާރު ހޯދާފައިވާ ހަތިޔާރާއި އާލާތްތަކުގެ އިތުރުން ވެސް އަންނަ އަހަރު ބޮޑު އަދަދެއް ހޯދުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ސިފައިންގޭގެ އެއްގަމުގެ ބާރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް ކޮށްދޭން ނިންމައި ފަށާފައިވާނެ ކަމަށާއި ހަތިޔާރު ހޯދައި، އެކިއެކި އާލާތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީގައި މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

"ހިލޭ އެހީ ލިބިގެންދާނެ. އޭގެއިތުރަށްވެސް، ހަތިޔާރާއި އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް ބަޖެޓުގެ ތެރެއިން ވާނީ ވަކި އަދަދެއް ކަނޑައަޅާފައި. އަޅުގަނޑު ދޭ އުފާވެރި ހަބަރަކީ، މި އަންނަ އަހަރުގެ ތެރޭގައި، ސިފައިންގެ ހިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ސިފައިންނާއި ފުލުހުން އިތުރުކުރުމަށް ފަށާ ނޭޝަނަލް ސާވިސް ޕްރޮގްރާމް ހިންގުމަށް ފެސިލިޓީތައް ބޭނުންވާނެ ކަމަށާއި އެގޮތުން ގިރިފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.

"ގާތްގަނޑަކަށް 13 ހެކްޓަރު ހިއްކެން އެބައޮތް. 13 ހެކްޓަރު ހިއްކާލީމާ، ވަރަށްބޮޑު ޖާގަ އެބަ އިތުރުވޭ. މި 13 ހެކްޓަރު ހިއްކައި، ޝޯ ޕްރޮޓެކްޝަން ވަށައި ޖަހާފައި، އަދި ބޭނުންވާ ބަނދަރު ހެދުމަކީ، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ގިރިފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަހަރަށް ހުށަހެޅި ބަޖެޓުގެ ތެރެއިން ނިއު ޕޮލިސީ އިނީޝިއޭޓިވްސް (އެންޕީއައި)ގެ ދަށުން ކަމަށާއި އެއާއެކު ޕްރޮގްރާމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކުރުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށެވެ.