އަހަރެއް ނިމިގެން ދިޔައީއެވެ. ދައްކަން ހުރި ވާހަކަތައް ގިނައެވެ. ހާއްސަކޮށް ރާއްޖޭގެ ކުޅިވަރުގައި 2024 ފާހަގަވެގެންދާނެއެވެ. ތަފާތު ތަޖުރިބާތަކެއްގެ ގޮތުގައެވެ. ކަޅު އަނދިރި ސަފުހާތަކެއްވެސް ކުޅިވަރުގައި ގުނަން ޖެހުނެވެ. ކޮރަޕްޝަނާއި ފައިސާގެ ހިޔާނާތްތައް ކުޅިވަރުގައި ގިނައިން ހިނގިއެވެ. އެއާއެކު އުފާވެރިކަމުގެ އުންމީދުތައްވެސް ފާހަގަވެއެވެ. ހާއްސަކޮށް ރަން އަކުރުން ފަވާލެވޭނެ އުފާވެރި ކާމިޔާބީތަކެއް ހިތްވަރުގަދަ އެތުލީޓުން ގެނެސްދިނެވެ.
ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުނު އަހަރަކަށް 2024 ވެސް ވެގެންދާ އިރު، އެ މުބާރާތްތަކުން އުފާވެރިކަން ގެނެސްދިނެވެ. ގައުމީ އެންމެ ބޮޑެތި އިވެންޓްތަކުގެ ގޮތުގައި ޖޯޝާއި ލޭ ކައްކުވާލި ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް މިފަހަރުވެސް ހާއްސަވިއެވެ. އެއީ ނިމިގެންދާ އަހަރުވެސް ކުޅިވަރުގެ އެންމެ ބޮޑު އިވެންޓެވެ. އެއާއެކު އަހަރު ނިމެން ދަނިކޮށް، އަމިއްލަ ފަރާތަކުން އިސް ނަގައިގެން ބޭއްވި ނައިންޓީ ޕްލަސް ގޯލްޑް ކަޕާއެކު ފުޓުބޯޅައަށް އާ އުންމީދެއް ގެނުވިއެވެ. ގައުމީ ދަނޑުގެ ޖޯޝު އާވެ، ފުޓްސަލް ތަށްޓާއި ފުޓުބޯޅަ ތަށިވެސް ހޯދީ ބ. އޭދަފުށިންނެވެ.
އެ އުފާވެރި ހަނދާންތަކަށް ހިޔަނި އެޅޭ ފަދަ ގިނަ ކަންތައްތަކެއްވެސް އަހަރު ތެރޭގައި ހިނގިއެވެ. ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ހިންގުން އަހަރުން އަހަރަށް ބޮއްސުންލައިގެން ގޮސް، 2024 ގައި ހުޅުފަޅައިގެން ދިޔައެވެ. އެފްއޭއެމްގެ ރައީސަކަށް ހުރި ބައްސާމް އަދީލް ޖަލީލް، ފީފާއިން ސަސްޕެންޑް ކުރުމުގެ އިތުރުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންނާއި ކޮރަޕްޝަނުގެ ދައުވާތައް ކޮށް، މިހާރު އޮތީ ވާނެ އެއްޗެއް ވެފައެވެ. އެފްއޭއެމް ހިންގަމުން އަންނަނީ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.
އެފްއޭއެމްއާ އެއްވަރަށް ރޯވެ އަނދައިގަތް އަނެއް ކުޅިވަރު އެސޯސިއޭޝަނަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އެވެ. އެ އިދާރާގެ މަތިފަނޑިއަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި، އޭސީސީންވެސް ވަނެވެ. އަދި ހައްލު ނުވެ އޮތް ހާލަތެއްގައި އަހަރު ނިންމާލަން ދާން ޖެހުނީ ކޯޓަށް ދަމަދަމައި އޮތް އިރެއްގައެވެ. އެއީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލްގެ ވަރުގަދަ ނިންމުންތަކަކާ ވެސް އެކުގައެވެ.
އަހަރު ތެރެއިން ކުޅިވަރު ޝަހުސިއްޔަތުތަކެއް ގެއްލި ދިޔަ އިރު، އެންމެ ބޮޑު ސިހުމަކަށްވީ ގައުމީ ފުޓުބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ)ގެ ވަކިވުމެވެ. އޭގެ އިތުރުން މަގުބޫލު ރެފްރީ މައްލާ ޅަތުއްތުގެ ވަކިވުމަކީވެސް ފުޓުބޯޅަ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ދެރައެކެވެ.
ނިމިގެން މިދާ އަހަރަކީ ގައުމީ ފުޓުބޯޅައިގެ އެންމެ ކަޅު އެއް އަހަރެވެ. 2023 ގައި ލީގު ހުއްޓާލި ގޮތަށް، ފުރަތަމަ ޑިވިޝަން ނުވެސް ފެށުނެވެ. ދެވަނަ ޑިވިޝަނެއް ތިންވަނަ ޑިވިޝަނެއްވެސް މިހާރު ރާއްޖެއަކު ހިނގަމުންނެއް ނުދެއެވެ. އެއީ ފުޓުބޯޅަ އޮތް ހާލަތެވެ. ކްލަބުތަކުގެ ކުޅުންތެރިންނަށް ފައިސާ ހޯދަން ޖެހިފައި އޮތީ، އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ މުބާރާތްތަކުންނެވެ. އެހާލަތަށް ފުޓުބޯޅަ ވެއްޓޭން މެދުވެރިވި ސަބަބުތައް ފަޅާއެރި އަހަރަކަށް 2024 ވިއެވެ. އެގޮތުން އެފްއޭއެމްގައި ވަކި ހިއްޕާލައިގެން ތިބި ބައްސާމްގެ ޓީމު، ހަމަ ބިމަށް ތިރިވެ، ފުޓުބޯޅަ މިހާރު އޮތީ ވަގުތީ ހިންގުމެއްގައެވެ.
ނިމިގެންދިޔަ އަހަރު ފެށުނީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކުރި މަސައްކަތުގެ ތެރެއިންނެވެ. ކުރީގެ އެފްއޭއެމްގެ ރައީސް އަދި މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގް (ޓޮމް)ގެ އިތުރު ބައްސާމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި ހުށަހެޅި ކްލަބު ވެލެންސިއާގެ ތާއީދު ސިޓީއެއްގެ މައްސަލަ ބޮޑުވެ، އިންތިހާބު މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު ފުރަތަމަވެސް އެންގެވިއެވެ.
އެވަރުންވެސް އެފްއޭއެމް މަޑު ނުޖެހުމުން، ދެން ނިންމުން އައީ ފީފާއާއި އޭއެފްސީންނެވެ. އިލެކްޓޯރަލް ކޯޑާ އެއްގޮތަށް، އިންތިހާބާ ބެހޭ ކޮމިޓީތައް އެކުލަވައިލައިފައި ނުވާތީ އެފަހަރު އިންތިހާބު ކެންސަލް ކުރީ ތޯރިގު ހުށަހެޅި މައްސަލަ ބެލުމަށް އެފްއޭއެމް ނުކުޅެދުމުންނެވެ. އޭރު ޖެނުއަރީ މަސް ތެރޭގައި ބައްސާމްގެ މަނީ ލޯންޑަރިން މައްސަލަތަކެއް ބަލަން ފަށައި، ކްރިމިނަލް ކޯޓުން އޮތީ އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓައިފައެވެ.
2023 ވަނަ އަހަރުގެ ފަހުކޮޅުގައި ފުލުހުން އެފްއޭއެމްއަށް ވަދެ ޕީޖީން ބަލަން ފެށި މައްސަލައަށް ހެކި ހޯދަން މަސައްކަތް ކޮށްފައިވާ އިރު، 2024 ގައި ބައްސާމަށް ވަނީ ދައުވާ އުފުލައިފައެވެ. އޭގެ ބައެއް ހެކިތައް ޕީޖީން ވަނީ އާއްމުވެސް ކޮށްފައެވެ. އެހިސާބުން ބައްސާމުގެ އެތައް ހިޔާނާތެއް ފަޅާއެރިއެވެ.
އެގޮތުން، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 (ބާރަ ޕޮއިންޓް ހަތަރެއް މިލިއަން ޔޫ.އެސް ޑޮލަރު) ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދީފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 191،208،000.00 (އެއްސަތޭކަ ނުވަދިހަ އެއް މިލިއަން ދެލައްކަ އަށްހާސް ރުފިޔާ) އެވެ.
ޕީޖީން ބުނެފައި ވަނީ ފީފާއިންނާއި ބޭރުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރު ފައިސާއިން ކަމުން، އެ އެސޯސިއޭޝަނަށް ލިބޭ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފްއޭއެމުން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުސޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށެވެ.
އެފްއޭއެމްގެ އެކައުންޓުން އެ އިދާރާގެ ރައީސް ގ. ފަހިވާގެ، ބައްސާމްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި އެ ފައިސާއަކީ "sales of dollars" ކަމުގައި ލިޔެފައިވީ ނަމަވެސް، އެ ފައިސާއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައި ނުވާ ކަމަށްވެސް ޕީޖީން ބުންޏެވެ.
ޕީޖީން ބުނީ މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށެވެ. އެގޮތުން ބައްސާމް އަމިއްލައަށް އެ ފައިސާއަށް ޕްރޮޕަޓީސް ގަނެފައިވާކަމާއި އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ހަރަދުތައް ކުރަމަށްވެސް އެފްއޭއެމް ފައިސާ ބޭނުންކޮށް، އާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރުމަށްވެސް އެ ފައިސާ ބޭނުން ކޮށްފައިވާކަން އެނގިފައިވާ ކަމަށް ޕީޖީން ބުންޏެވެ.
މައްސަލަތަކާއެކު ފީފާއާއި އޭއެފްސީ ޓީމެއް އޭޕްރީލް މަހު ރާއްޖެ އައިސްފައިވާ އިރު، އެ މައްސަލަތަކުގެ ބޮޑުކަމުން ޖޫން މަހުގެ ތެރޭގައި ފީފާއިން ބައްސާމް ސަސްޕެންޑް ކުރިއެވެ. އެއީ ނުވަމަސް ދުވަހަށެވެ. ޖުލައި މަހު އެފްއޭއެމްގެ ދައުރު ހަމަވުމުން ނިންމުން ނިންމަން ދޫވެގެން ދިޔައީ ފީފާއަށެވެ. އެއީ އިންތިހާބެއް ނުބޭއްވޭ ހާލަތެއްގައި އޮތުމުންނެވެ. ނަތީޖާއެއްގެ ގޮތުން ޖުލައި މަހު އެފްއޭއެމް ނޯމަލައިޒްކޮށް، އަހުމަދު ޒުހޫރާ ޗެއާމަންކަން ހަވާލުކުރިއެވެ.
ބައްސާމްގެ ބޭޒާރުތައް އެފަހުންވެސް ފުލުފުލުގައި އާއްމުވިއެވެ. ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން އެފްއޭއެމްއަށް 1.9 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައިވާ އިރު، އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ބައްސާމް ވަނީ އަމީން އެވެނިއުއަށް ފައިސާ ދައްކައިފައެވެ. އެ މައްސަލައިގައި ބައްސާމް އަތުން އެޕާޓްމަންޓް އަތުލާފައިވެސް ވެއެވެ.
އެހިސާބުން ނޯމަލައިޒޭޝަން ކޮމިޓީން ފުޓުބޯޅަ ހިންގަން ކުރަމުން އަންނަ މަސައްކަތް އަދިވެސް ހަމައަކަށް އެޅިފައި ނުވާއިރު، އެޗްޑީސީން ވަނީ އެފްއޭއެމްއަށް ފުޓުބޯޅަ ސްކޫލް ހަދަން ދީފައިވާ ތިން ލައްކައެއްހާ އަކަފޫޓުގެ ބިންވެސް އަތުލައިފައެވެ. އެހެންކަމުން އެފްއޭއެމްއަށް މާލީ ގޮތުން އޮތީ ގޮންޖެހުމެވެ. ކުރިއަށް އޮތް އަހަރުވެސް އެކަމަށް ހައްލެއް ލިބުން އޮތީ ދުރުގައެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބަކުން ފުޓުބޯޅައިގެ ހަރަކާތެއް ހިންގީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެކަންޏެވެ. އެއީ އޭއެފްސީ ޗެލެންޖާސް ލީގުގައި، ކުވައިތަށް ގޮސް ވާދަކުރުމެވެ. ދެން އިތުރު ހަރަކާތެއް ނުހިނގައި އެފްއޭއެމް އޮތީ ހުއްޓިފައެވެ. ވީރާނާ ވެފައެވެ. ބައްސާމުގެ މައްޗަށް ޑިސެމްބަރު މަހުގައިވެސް އިތުރު ދެ ދައުވާއެއް އުފުލައި، 1.2 މިލިއަން ޑޮލަރު ހޯދަން ވަނީ ހުށަހަޅައިފައެވެ.
އެއީ ފުޓުބޯޅަ އިދާރާ އޮތް ހާލެވެ. ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗެއް ކުޅުން ފިޔަވައި އެއްވެސް ހަރަކާތެއް ނުހިންގައެވެ. ޖޫނިއާ ޓީމުތަކުން، އަމިއްލަ ބައެއްގެ ގުރުބާނީތަކާއެކު ބައެއް މުބާރާތްތަކުގައި ކުޅެ، ރާއްޖެ ތަމްސީލުކޮށްދިނެވެ.
- ބެޑްމިންޓަނަށްވެސް ހައްލެއް ނެތިފައި
އެތައް މައްސަލައެއް ފުނި ޖެހި، ގާނޫނީ ހުއްޓުމަކަށް އައިސް ރާއްޖޭގެ ބެޑްމިންޓަން އިދާރާ އޮތީ "ވާގި ނެތިފައެވެ." ބައިނަލްއަގުވާމީ މައިދާނުގައި ރަން ވަނަތައް ހޯދަމުން އަންނަ ބެޑްމިންޓަން އޮތީ މާސިންގާ އަޑިގަނޑަކަށް ސޮއްސާލައިފައެވެ. ކުޅުންތެރީން މާޔޫސް ވެ، އެވާހަކަތައް ތަކުރާރުކުރަމުން ދެއެވެ. ޝަކުވާތައް ހުރީ ފުނިޖެހިފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މުއްދަތު، 11 މާޗުގައި ހަމަވެފައިވާ އިރު، ހިންގާ ކޮމިޓީ މުއްދަތު ހަމަވި ހިސާބުން އިންތިހާބަށް ނުފޫޒު ފޯރުވައިގެން އިންތިހާބު ބާއްވަން ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އިތުރުން، އެ އިދާރާގެ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނަ އޭސީސީންވެސް އަންގައިގެންނެވެ.
އެސީސީން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެފައި ވާއިރު، އެ އިދާރާ ހިންގަވަން ހުންނެވި ރައީސް، މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި އޭސީސީން ބަލަން ފަށާފައިވެއެވެ.
މޫސަގެ ދިގުލައިގެން ދިޔަ "ބެޑްމިންޓަން އެސޯސިއޭޝަންގެ ޕްރޮކިއުމެންޓް"ގެ ހިޔާނާތްތައް ކަމަށް ބުނެވޭ ހިޔާނާތްތަކުގެ ވާހަކަ، ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް ސިޓީއަކުން ފޮނުވާފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުން އޭގެ ތެރޭގައި ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމުގެ ތުހުމަތާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.
އެ މައްސަލަތައް ބޮޑުވެ، މޫސަ ވަނީ އެސޯސިއޭޝަނުން އިސްތިއުފާ ދީފައެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާއާއެކު ބެޑްމިންޓަނުން މަސައްކަތް ކުރަމުން އަންނަނީ މަގާމުގައި ދެމި ތިބޭށެވެ. އެއީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، އެ އިދާރާގެ ހިންގުން މުއައްސިސް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ ހަވާލުކުރައްވާފައި ވަނިކޮށެވެ.
އެ ނިންމުމަށް އަމަލުނުކުރަން ސިވިލް ކޯޓުން އަމުރެއް ހޯދަން އެސޯސިއޭޝަނުން ކުރި މަސައްކަތް ނާކާމިޔާބުވި އިރު، ދައުރުގައި ދެމި ތިބެން ކުރި މަސައްކަތުގައިވެސް ސިވިލް ކޯޓުން މައްސަލަ ނިންމީ ކޮމިޝަނަރު ކޮޅަށެވެ. އެސޯސިއޭޝަނުގައި އަދިވެސް ތިބެން ވެގެން އެ މައްސަލަ ބީއޭއެމްއިން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ބީއޭއެމްއަށް ގޮތެއް ނިންމުން ދުނިޔޭގެ ފެޑަރޭޝަނާ ހަމައިގައި އޮތް އިރު، ބީއޭއެމްއިން ބީޑަބްލިޔުއެފްއަށް ފޮނުވި ސިޓީއަކާއެކު މައްސަލައިގައި އަސްލު އޮޅުވާލަން މަސައްކަތް ކުރިކަމަށްވެސް ތުހުމަތު ކުރެވިފައިވެއެވެ.
އެ ހާލަތުގެ ތެރެއިން ނިބާލް އަހުމަދު ފަދަ ކުޅުންތެރިންގެ ސްކޮލަޝިޕުންވެސް އޮޅުވާލުންތައް އޮޅުވާލާފައިވާ އިރު، އެސޯސިއޭޝަނުގެ ގައުމީ އިވެންޓްތައްވެސް 2024 ގައި ނެތެވެ. ފާތިމަތު ނަބާހާ (ނަބާ)ގެ އޮލިމްޕިކް ތަމްރީނުތައްވެސް ފެއިލިވިއެވެ. ބައިނަލްއަގުވާމީ މުބާރާތެއްވެސް ކެންސަލްވިއެވެ. އެހެންނަމަވެސް އަމިއްލަ ކްލަބެއް ކަމަށްވާ ރިވައިވަލްގެ ނަމުގައި ނަބާހާ އާއި އައިމިނަތު ނަބީހާ (ނަބީ) އަދި ޒަޔާން ޒަކީއާއި ނިބާލް ފަދަ ކުޅުންތެރިން ގައުމަށް ރީތި ނަން ހޯދައިދިނެވެ.
އެ އެސޯސިއޭޝަނުގެ އިތުރުން ހޭންޑްބޯލް އެސޯސިއޭޝަނުގެ ހިޔާނާތުގެ މައްސަލައެއްވެސް އޭސީސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން އޮކްޓޯބަރު މަސް ތެރޭގައި ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރެލް ސެކްރެޓަރީ އަބްދުﷲ އަންވަރު މަގާމުން ވަކިކުރިވެސް މެއެވެ. ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ތުހުމަތު ކުރެވިގެން އޭނާ ވަކިކުރި އިރު، މައްސަލަ އަންނަނީ އަދިވެސް ބަލަމުންނެވެ.
ނިމިގެން މިދާ އަހަރުގެވެސް އެންމެ ބޮޑު ކުޅިވަރު އިވެންޓެއްގެ ގޮތުގައި ރާއްޖޭގައި ފާހަގަވީ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. އެ މުބާރާތާއެކު ފުޓްސަލްގައި، މުޅި ރާއްޖެ ފުރިހަމައަށް ޝާމިލުވެ، "ގައުމީ މުބާރާތެއް،" ބޭއްވިއްޖެއޭވެސް ބުނެވިދާނެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. އެއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން، ރައީސް ރިލުވާން މޫސާއާއި އޭނާގެ ޓީމުގެ އިސްނެގުމެކެވެ. ނުވާނެ ކަމަށް އެތައް ބަޔަކު ސިފަކުރި މަސައްކަތެއް، ވާނެކަން ދައްކައި، ފުޓްސަލްއަށް ބޮޑު ހިދުމަތެއް ކޮށްދީފިއެވެ. ގައުމީ ފެންވަރުގެ މުބާރާތަކަށް ހަދައިފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އޭގެ ފަހުން އައި ޑިޖިޓަލް ދުނިޔޭގެ ބަދަލުތަކާއެކު 2019 ހިސާބުގައި މެޗުތައް ލައިވްކޮށް ފެންނަ ގޮތަށް މަސައްކަތް ފެށިއެވެ. އޭރު ވިއުސް އުޅެނީ 3.2 މިލިއަންގައެވެ. އޭގެ ފަހުން، 2022 ގައި ވިއުސްގެ އަދަދު 6.8 މިލިއަނަށް އެރިއެވެ. އަދި މިދިޔަ އަހަރު ވިއުސް އުޅުނީ 12 މިލިއަންގަ އެވެ. އެ ކުރިއެރުމާއެކު މިފަހަރު މުބާރާތް ނިންމާލި އިރު، ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށް، 20.2 މިލިއަން ވިއުސްއަށް އެރިއެވެ.
ސްޕޯޓްސް ކޮމިޝަނަރާއި ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން ރާއްޖޭގެ ނައިބު ރައީސްވެސް މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ބައިވެރިވެވަޑައިގެންފައިވާ އިރު، އޭދަފުށިން ތަށި އުފުލައިލީ ލ. ގަން ބަލިކޮށްގެންނެވެ. ކިންގަކީ އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު)އެވެ.
ޓޭބަލް ޓެނިސް ތަރި، އުމުރުން އެންމެ 16 އަހަރުގެ ފާތިމަތު ދީމާ އަލީ ގައުމު ހެއްވައިލަދިނީވެސް މި ނިމިގެންދާ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީންކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.
ދީމާ ހޯދި ކާމިޔާބީ އެތައް ގޮތަކުން ހާއްސައެވެ. ދީމާއަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ އޮލިމްޕިއަނެވެ. އެއާއެކު ޕެރިސް އޮލިމްޕިކަށް ގޮސް ދިދަ އުފުލައިލީވެސް ދީމާއާއި ދުވުންތެރިޔާ އިބާދުﷲ އާދަމް އެވެ. އޭގެ އިތުރުން ދެން އޮލިމްޕިކްސްއަށް ދިޔައީ ފެތުންތެރިން ކަމަށްވާ އާން ހުސައިން އަދި އައިޝަތު އުލްޔާ ޝާއިގުގެ އިތުރުން ބެޑްމިންޓަން ތަރި ނަބާ އެވެ. ނަބާވެފައި ވަނީ ދެ އޮލިމްޕިކްސްއަކަށް ދިޔަ ރާއްޖޭގެ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާއަށެވެ.
އޮލިމްޕިކްސްގައި އެ އެތުލީޓުންގެ ނަތީޖާވެސްރަނގަޅެވެ. ކުރިއެރުންތައް ހޯދިއެވެ. އާން ފެތުމުގެ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް ރެކޯޑުވެސް މުގުރާލިއެވެ.
ރާއްޖޭގެ ބޭއްވޭ އެންމެ ފުރިހަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް، ވިސިޓް މޯލްޑިވްސް ޕްރޯގެ ތިންވަނަ އިވެންޓް 2024 ގައި ނިންމާލީ ޖޯޝާއި ފޯރީގައެވެ. ފުރިހަމަ އިންތިޒާމުތަކާއެކުގައެވެ. ސަގާފީ ކުލަގަދަ ހަރަކާތަކުން ފެށި ވިސިޓް މޯލްޑިވްސް ޕްރޯގެ ވާދަވެރިކަން ބޮޑެވެ. ހީޓުތައް ފޯރިގަދަ އެވެ. އައިބީސީ ވޯލްޑް ޓުއާ އިވެންޓުގެ މިސްރާބު ބަދަލުކޮށްލައި، ރާއްޖޭގެ ރާޅުތައް ކުޅުނީ "ގޭމް ޗޭންޖާ"އެއްގެ ދައުރެވެ. ރޭންކިންނަށް ބަދަލުތައްވެސް އައިސް، މުޅި ޓުއާއަށް އިތުރު ފޯރިއެއް ރާއްޖޭގެ އިވެންޓުން އައެވެ.
ހިތްގައިމު ގްރެފިކްސް ޕޯސްޓްތަކާއި ފޯރިގަދަ ޓްރައިލާއަކުން އިއުލާނުކުރި ވިސިޓް މޯލްޑިވްސް ޕްރޯ 2024 ނިމިގެން ދިޔައީ ހިތްގައިމު މަންޒަރުތަކަކުންނެވެ. ރާއްޖޭގެ ހިތްގައިމު މާހައުލު، އުފާވެރި މިޒާޖުގެ އެތައް ބަޔަކު ބައިނަލްއަގުވާމީ ޗެމްޕިއަނުންނަށް ކީ މަރުހަބާއާއެކު ރާޅުގަނޑުން ފެނުނީ ދިރުން ލިބިފައި އޮތް މަންޒަރެވެ.
މިއަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯގެ ތެރެއިން ފެނުނު ތަފާތު އެއް ކަމަކީ، ދިވެހީންގެ ހުނަރުވެރިކަމަށް، ދިވެހީންގެ ވިސްނުންތަކަށް ޖާގަ ދީގެން މުބާރާތުގެ ހުރިހާ ކަމެއް އިންތިޒާމުކުރުމެވެ. 100 އެއްހާ މީހުން ވިސިޓް މޯލްޑިވްސް އިވެންޓް ތެރެއިން އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވެފައިވާ އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 97 ޕަސެންޓްގެ މީހުންނަކީ ދިވެހީންނެވެ.
ފޮޓޯ ނެގުމާއި، ވީޑިއޯގްރަފީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގުމުގައިވެސް އަދި މުބާރާތުގެ ފަނޑިޔާރުކަން ކުރުމާއި ފުރިހަމަ ލައިވް ސްޓްރީމެއް ގެނެސްދޭންވެސް މަސައްކަތް ކުރީ ދިވެހި ފަންނުވެރިންނެވެ. އެ ފަންނުވެރިކަމުގެ ހިތްގައިމުކަން އައިބީސީންވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މުބާރާތުގެ އެކިއެކި ވަނަތަކަށް ދޭ ޓްރޮފީގެ ޑިޒައިނުންވެސް ދިވެހީންގެ ހާއްސަ މަސައްކަތްތެރިކަން ފާހަގަކޮށްލެވުނެވެ.
ދިވެހި އެތުލީޓުންގެ ތެރެއިން އިޔަން އަހުމަދު މިފަހަރުގެ ވޯލްޑް ޓުއާ އިވެންޓްގައި ކުރިއަށް ޖެހިލިއިރު، އޭނާ ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އިވެންޓެއްގެ ތަށިވެސް ހޯދައިފައެވެ. ބޮޑީބޯޑިން ލީގު އަލީ ޖާވިދު ހޯދި އިރު، ޖޫނިއާ ޗެމްޕިއަނަކީ އަޒާން އަހުމަދެވެ. ޑްރޮޕްނީ ޗެމްޕިއަނަކީ އަނެއްކާވެސް އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ.
ބައިނަލްއަގުވާމީ ސާފިން އިވެންޓް ކަމަށްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްވެސް ނިމިދިޔައީ ހާއްސަ ކަމަކާއެކުގައެވެ. މިފަހަރު މުބާރާތުން އޭޝިއަން ގޭމްސްއަށް ކޮލިފިކޭޝަނަށް ފުރުސަތު އޮތް އިރު، ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށްވެސް ވަނީ ސްލޮޓެއް ޔަގީންވެފައެވެ. އެއީ ފަހުރުވެރި ކާމިޔާބީއެކެވެ.
އޭގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކަށް ބަލާއިރު، ރާއްޖޭގައި ބޭއްވި އޭޝިއަން ޓެނިސް ފެޑަރޭޝަން (އޭޓީއެފް) މޯލްޑިވްސް ޖޫނިއާ އޯޕަން 2024 ދެ މުބާރާތުގެވެސް ސިންގަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ އާރާ އާސާލް އާޒިމެވެ. އޭގެ އިތުރުން އާރާ ވަނީ ފުރަތަމަ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ނަޔާރާ އުސާމާއާއެކު ހޯދައިފައެވެ.
ގައުމީ އެކި ކުޅިވަރުތަކުގައި ވާދަވެރި އަހަރަކަށް 2024 ވެގެންދިޔައިރު، ގައުމުން ބޭރުގައި ރާއްޖެ ތަމްސީލުކުރުމުގައި ޓީޓީވެސް ތާރީހީ ކާމިޔާބީތަކެއް ހޯދިއެވެ. ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ ޓީމުން ދެ ލޯ މެޑަލް ގެނެސްދިން އިރު، ގައުމުގައި ބޭއްވި ކާވާ އަންހެން ވޮލީ މުބާރާތުގައި ދިވެހި އަންހެން ވޮލީ ޓީމު ވަނީ ފައިނަލް ކުޅެ، ގައުމު ކައްކުވައިލައިފައެވެ.
ބޫޓާނުގައި ބޭއްވި ކްރިކެޓް މުބާރާތަކުން ރާއްޖެއިން ރިހި މެޑެއްޔަކާ އެކު ގައުމަށް އައިއިރު، އޭޝިއާ ނެޓްބޯޅަ މުބާރާތުގައިވެސް ރާއްޖެ ފާހަގަކުރެވޭ ކާމިޔާބީތަކެއް ނިމިގެން މިދާ އަހަރު ހޯދިއެވެ. އޭގެ އިތުރުން ބޮޑީބިލްޑިންގެ ދެކުނު އޭޝިއާ، އޭޝިއާ އަދި ދުނިޔޭގެ މުބާރާތުންވެސް ރާއްޖެ ކާމިޔާބު ހޯދިއިރު، އަޒްނީން ރަޝާދު ވަނީ ކާމިޔާބީ ތަކުރާރުކޮށްފަ އެވެ. ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް މިފަހަރު ބޭއްވީ ރާއްޖޭގެ އައްޑޫ ކެނެރީފްގަ އެވެ.
ރާއްޖޭގައި ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީ މުބާރާތާއި އަންހެން ކްލަބު ޗެމްޕިއަންޝިޕްވެސް ހޯސްޓް ކޮށްފައިވާ އިރު، ވޮލީގެ އިވެންޓްތައް 2024ގައި ގިނައެވެ. އަދި ކާވާ ފިރިހެން ޗެލެންޖް ކަޕަށް ފިރިހެން ޓީމު އުޒްބެކިސްތާނަށް ދިއުމުގެ އިތުރުން އެޗްޑީސީން ކްލަބު ޗެމްޕިއަންޝިޕްގައި ވާދަކުރުން ފާހަގަކޮށްލެވުނެވެ.
ބާސްކެޓްގެ އެންމެ ފާހަގަކޮށްލެވުނު އެއް ވަގުތުކޮޅަކީ ރާއްޖޭގެ އަންހެން ބާސްކެޓްބޯލް ލެޖެންޑް ފާތިމަތު ރިޝްމާ (ރިޝްޓޯ) ކުޅުން ހުއްޓާލުމެވެ. ރިޝްމާ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވިއްސަށްވުރެ ގިނައަހަރު ބާސްކެޓްބޯޅައިގައި ހަރަކާތްތެރިވެފައެވެ. އޭނާ ކުޅުން ހުއްޓާލީ ރާއްޖޭގައި ބޭއްވި ސުޕަ ކަޕް މުބާރާތުގެ ފައިނަލުން ލަންކާގެ އީގަލްސް އަތުން ރާއްޖޭގެ ކުއީންސް ބާސްކެޓް ބޯލް ކުލަބް ބަލިވި މެޗަށްފަހުއެވެ.
ޓީޓީ ފިރިހެން ޗެމްޕިއަންކަން މުޅިން އަލަށް އަހްޔާރު އަހުމަދު ހާލިދު ހޯދިއިރު، ގައުމީ އެތުލެތިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ފުރަތަމަ ފަހަރަށް، އިބާދުﷲ އާދަމް އާއި ފަސޫހާ އަހުމަދު ހޯދިއެވެ.
ގައުމީ ކުޅިވަރުގެ އިންތިޒާރެއް ކަމަށްވާ ކުޅިވަރުގެ ބިލް މަޖިލީހަށް ވަދެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. 2025 ގެ ކުރީކޮޅު ފާސްވާނެ ކަމަށް ބެލެވެއެވެ. އެއީ 2024 ގެ ފަހުކޮޅުގައި ކުޅިވަރުގެ އެންމެ ބޮޑު ވާހަކަވެސް މެއެވެ.
މުހައްމަދު އާރިފް (ބަކާ)ގެ ކުއްލި ވަކިވުން ވެގެން ދިޔައީ ކުޅިވަރު އާއިލާއަށް 2024 ވަނަ އަހަރު ދިމާވި އެންމެ ބޮޑު އެއް ހިތާމައަށެވެ. އަބަދުވެސް ދީނީ އަހުލާގަށް ފުރިހަމައަށް އިސްކަން ދޭ ބަކާގެ ވަކިވުމާއެކު އެތައް ބަޔަކަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނާ މި ދުނިޔެ ދޫކޮށް ދިޔައީ ހައްޖުގެ އަޅުކަން އަދާކޮށް، މާލެ އައިފަހުން ހުން އައިސް، ހާލު ދެރަވެގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.
"ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ. މި ހިތާމަވެރި ވަގުތު މަރްހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްޙޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، ކީރިތިﷲގެ ނިއުމަތާއި ރަހުމަތުގައި ލެހެއްޓެވުން އެދި ދުއާކުރަމެވެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތައުޒިޔާގެ މެސެޖުގައިވެއެވެ.
އަބަދުވެސް ދީނީ އަހުލާގަށް ފުރިހަމައަށް އިސްކަން ދޭ ބަކާއަކީ އައްޑުއަށް އުފަން މޮޅު މިޑްފީލްޑަރެކެވެ. ގައުމީ ހިދުމަތަށް، ގައުމީ ރޫހަށް ޖާނުދިން ތަފާތު މޮޅު މިޑްފީލްޑަރެކެވެ. ބަކާގެ އެތައް ހަނދާނެއް އެތައް ބައެއްގެ ސިކުނޑީގައި އަދިވެސް ހަރުލައި އެބަހުއްޓެވެ. ނަމޫނާ އެތައް ވާހަކައެއް ދެކެވުނެވެ. އެއީ ފުޓުބޯޅަ ތަރިއަކަށް، މި ގައުމު ދުށް އެންމެ ހުލްގު ހެޔޮ އެއް ކުޅުންތެރިޔާ އެވެ. ޖޫން މަހު ވަކިވެދިޔައީ އުމުރުން އެންމެ 39 އަހަރުއެވެ.
ފުޓުބޯޅަ ދަނޑުމައްޗަށް ފީފާ ބެޖު ޖަހައިގެން ނުކުތް ފުރަތަމަ ދިވެއްސަކީ މައްލާ ޅަތުއްތުއެވެ. 1990 ވަނަ އަހަރު އިންޑިއާގައި ކުޅުނު އޭޝިއަން ކްލަބު ޗެމްޕިއަންޝިޕްގެ މެޗަކަށް މައްލާ ފީފާ ބެޖުގައި ރެފްރީ ކަމަށް ނުކުންނެވި ނުކުންނެވުމަކީ ރާއްޖެ ފަދަ ގައުމަކަށް ލިބުނު ބޮޑު ޝަރަފެކެވެ.
އެ ޝަރަފު ހޯދި ރެފްރީންގެ "ބައްޕަ" ގެއްލިގެން ދިޔައީ 2024 ވަނަ އަހަރު އޮގަސްޓް މަހު ތެރޭގައެވެ. މައްލާ، އުމުރުން 76 އަހަރުގައި އަވަހާރަވީ އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ. މައްލާ އަވަހާރަވީ ކެންސަރު ބަލީގައި އުޅުއްވަމުންދާތާ ދުވަސްތަކެއް ވުމަށްފަހުއެވެ. އެކަމުގެ ތެރޭގައިވެސް މައްލާ ވަނީ ކުރެވުނު ހިދުމަތެއް ކޮށްދެއްވައިފައެވެ. ރެފްރީންގެ ކަންކަން އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ޝައުގުވެރިކަމާއެކު ގާތުން ބައްލަވައިފައިވެއެވެ. އެ ހަނދާންތައް އޭނާގެ ދަރިވަރުންގެ ކިބައިގައި ފޮހެވިގެން ނުދާނެ ފަދަ ގޮތަކަށް އާވަމުން މިއަދުވެސް ދެއެވެ.
ދިވެހި ދައުލަތަށް 43 އަހަރު ހިދުމަތްކުރެއްވި މައްލާ ވަނީ އެސްޓީއޯގައި 16 ވަރަކަށް އަހަރު، އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގައި 11 އަހަރު ހިދުމަތް ކުރައްވައިފައެވެ. އޭގެ އިތުރުން ހޯމް އެފެއާޒްގައިވެސް މައްލާ ވަނީ ވަޒީފާ އަދާކުރައްވައިފައެވެ. އެ ހުރިހާކަމެއްގެ ތެރެއިންވެސް ރެފްރީ ކަމަށް ވަގުތު ހޯއްދެވިއެވެ. ރެފްރީކަމުގެ މުހިއްމު ކަމަށް ވިސްނުން ހިންގަވައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިދުމަތަށް އެދުނު ކޮންމެ ފަހަރަކުވެސް އެކަން ކޮށްދެއްވިއެވެ. ހަވީރުގެ މެޗަކަށްވިޔަސް، ގަޑި ޖެހެމުންދަނިކޮށް ބުންޏަސް، ސީދާ ގަޑިއަށް ހާޒިރުވެވަޑައިގެން ހުންނަވާނެ ކަމަށް އޭރުގެ އެތައް ބަޔަކު ބުނެފައިވެއެވެ.
މައްލާ ސަރުކާރު ހިދުމަތުން، 43 އަހަރަށްފަހު 2010 ވަނަ އަހަރު ރިޓަޔާކުރެއްވީ ހިތްހަމަޖެހިވަޑައިގެންނެވެ. މައްލާގެ އަގުހުރި ހިދުމަތަށް ގައުމީ ހިތްވަރުދިނުމުގެ އިނާމު، ގައުމީ ޝަރަފުވެރިކަމުގެ އިނާމު، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވުމުގެ އިނާމުގެ އިތުރުން ކުޅިވަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވިއެވެ. ކުޅިވަރުގައި ދެވަނައެއް ނެތް ޝަހުސިއްޔަތެކެވެ. މައްލާ އަވަހާރަވުމާއެކު ރާއްޖޭގެ ރައީސް، ޑރ. މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވަމުން މައްލާގެ ހިދުމަތުގެ އަގުވަޒަން ކުރައްވައިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް