ފުވައްމުލަކު ސިޓީ ބޭރުން ޑިންގީއެއްގައި ތިބި ސޯމާލިއާގެ މީހުން ރާއްޖެއައިސްފައިވާ ގޮތް ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި ފުވަމުލަކު ސަރަހައްދުން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައި ސޯމާލިޔާގެ ތިން ފިރިހެނުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އެމީހުން ރާއްޖޭގެ ސަރަހައްދަށް އައި ގޮތް ދެނެގަތުމަށް މަސައްކަތްކުރަމުންގެންދާ ކަމަށާއި އެ ތިން މީހުންނާ ގުޅޭގޮތުން ގުޅުން ހުރި އިދާރާތަކަށް މައުލޫމާތު ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޯމާލިޔާ ތިން މީހުންނާއެކު ޑިންގީ ފެނިފައިވަނީ ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުންނެވެ. އެމްއެންޑީއެފުން ވަނީ އެ ޑިންގީ ކޯސްޓު ގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ބަނދަރަށް ވައްދައިފައެވެ.

މީގެ ކުރިން 2008 ވަނަ އަހަރު ވެސް ޑިންގީއެއްގައި ތިބި ސޯމާލިއާގެ ބަޔަކު ވަނީ ފުވައްމުލަކަށް ލައްގައިފައެވެ. އެފަހަރު އެމްއެންޑީއެފުން ބުނެފައިވަނީ އެއީ ސޯމާލިއާގެ ޕައިރެޓުން ކަމަށާއި އެ ޑިންގީއަކީ އެ މީހުން ބޯޓު ފަހަރުތައް ހައިޖެކް ކުރުމަށް އުޅަނދު ކަމަށެވެ. އަދި އެއީ ޕައިރެޓުންނާއި ޕައިރެޓް އުޅަނދެއް ރާއްޖެއިން އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށެވެ.

މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ވެސް ޑިންގީއެއްގައި ތިބި ސޯމާލިއާގެ ތިން މީހަކު ވަނީ ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަވަތިއިން ފެނިފައެވެ.