ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ސަސްޕެންޑްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ނިހާދު ސަސްޕެންޑްކުރިކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ މިއަދުއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ނިހާދު ސަސްޕެންޑްކޮށްފައިވަނީ ޕީއެންސީން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ޖަލްސާގައި ނިހާދު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސޯދު މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ފުނޑާލުމުގެ ގޮތުން އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"މިއަދު އަޅުގަނޑު މި ދަންނަވަނީ ދެ މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް އައުމަށްޓަކައި ތައްޔާރުވެފައިވާ ހިނދު، މާދަމާ ނޫން އަނެއް ދުވަހު، އަންނަ ބުރާސްފަތި ދުވަހު އިރާދަކުރެއްވިއްޔާ ދެ މިލިއަން ފަތުރުވެރިން ރާއްޖޭގައި ތިބޭނެ. އެކަމާ އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، މި ދިވެހި ދައުލަތަށް ތިޔަ ރައްޔިތުންނަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް، ފައިސާގެ އެހީއެއް ނޫނީ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރެރިޒަމްގެ ހަމަލާއެއް،" ނިހާދު ވިދާޅުވިއެވެ.

ނިހާދުގެ އެ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. ނިހާދުގެ އެ ވާހަކަތަކުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުން ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ގޮވާލައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީ ވެސް ހިމެނެއެވެ.