މިމަހުގެ 17 އިން 20 އަށް ރާއްޖެއަށް ކުރި ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން 47 ގެޔަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިއްޔެ ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ދެ އަތޮޅެއްގެ ތިން ރަށަކުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ރިޕޯޓު ކުރި ކަމަށެވެ. އެއީ ނ. ހެނބަދޫ، ނ، ކެނދިކޮޅުދޫ އަދި ޅ. ކުރެންދޫއެވެ.
އޭގެ ތެރެއިން ފެންވަދެ ގެއްލުން ލިބިފައިވަނީ ނ. ހެނބަދޫގެ ގެތަކަށް ކަމަށެވެ. އެ ރަށުގެ 80 ގެޔަކަށް ފެންވަދެ ރިޕޯޓުކޮށްފައި ވީ ނަމަވެސް އެ ހާދިސާގައި އެއްވެސް ގެއަކުން މީހަކު ބަދަލުކުރަންޖެހޭ ފަދަ ހާލަކަށް ގޮސްފައި ނުވާ ކަމަށެވެ.
ހެންބަދޫގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިޔާ ކޮމާންޑުން ކުރިޔަށްގެންދިޔަ ކަމަށާއި އަދި ރެޕިޑް އެސެސްމަންޓު ހެދުމާއި ނަފުސާނީ ފުރަތަމަ އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުގެ ވެލިދޫ ދަރުމަވެރިން އެހީތެރިވެފައިވާ ކަމަށް ބުންޏެވެ.
ހެނބަދޫގެ ފެންވަދެ ގެއްލުން ލިބިފައިވާ ގެތަކުގެ ޑެމޭޖު އެސެސްމަންޓު ހެދުމަށްފަހު 27 ގެއެއްގެ ފޯމު މިހާރު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށާއި އެ ފޯމުތައް ވެރިފައިކޮށް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އެ ގެތަކަށް ލިބުނު ގެއްލުމުގެ ތެރޭގައި ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތަށް ލިބުނު ގެއްލުން ހިމެނޭ ކަމަށެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނީ ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެގެން 49 ތަނެއްގައި 304 ވެލިބަސްތާ ޖެހި ކަމަށާއި އޭގެތެރޭގައި ގުދަން އަދި ފިހާރަތައް ހިމެނޭ ކަމަށެވެ.
ވަގުތުން އެހީތެރިކަމަށް ބޭނުންވާ ކަމަށް ފާހަގަކުރެވުނު 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ހަދާފައިވާ ކަމަށާއި އޭގެ ތެރޭފައި އަށް ގޭބިސީއެއްގެ 32 މީހުން އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދިން ކަމަށް ވެސް ބުންޏެވެ.
އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި، ކައިބޮއި ހެދުމާއި ނިދައި ފާހަނާ ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އެކަމަކު، އެ އާއިލާތައް އާންމު ހާލަތަށް ބަދަލުވެފައިވާ ކަމަށް ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ފެން ބޮޑުވުމުން ގެއްލުން ލިބުނު ކަމަށް ފާހަގަކުރެވުނު މާލޭގެ 30 ގެއެއްގެ އެސެސްމަންޓް، ރެޑް ކްރެސެންޓާ ގުޅިގެން ނިންމާފައިވާ ކަމަށެވެ. އާންމުކޮށް ހުރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ކަމަށެވެ. އަދި މަދުމަދުން އިމާރާތުގެ ސީލިންގުފަދަ ތަންތަނަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު