މީހަކު ރަހީނު ކުރި ހިޔާ ފުލެޓު އެޗް9-20-11 ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، 40އ. އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، އަބްދުﷲ ހަސަން، 41އ. އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ހުސައިން ރިޔާޒު، 33އ. އަދި ގއ. ދާންދޫ/ ވަލުތެރޭގެ، އަބްދުﷲ ޖަމީލު 32އ. އެވެ.

އެ ހަތަރު މީހުންވެސް ހައްޔަރުކުރީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށްގެން ކަމަށާއި އެ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާ ފްލެޓް H9-20-11 އެޕާޓްމެންޓަކީ ގްރޫޕަކުން ދިވެހި ފިރިހެނަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލަން އުޅެނިކޮށް ހައްޔަރުކުރި އެޕާޓްމަންޓެވެ.

ހިޔާ ފުލެޓު އެޗް9-20-11ގައި މީހަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އޭނާ ސަލާމަތް ކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. ފުލުހުން އެމީހާ ސަލާމަތް ކުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ގޭންގަކުން އޭނާ ރަހީނުކޮށް އޭނާގެ ބޯ ބާލައި، އިނގިލި ބުރިކުރަން އުޅެނިކޮށެވެ.

އޭރު އެޕާޓްމެންޓް ތެރޭގައި އުޅުނު 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އެ ތަނުގެ ވެރިމީހާ އާދަމް ހުސެއިން، 48، ޖަމީލާ މަންޒިލް، ލ. މާވަށް ވެސް ހިމެނެއެވެ.