ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހް އައްޔަންކޮށްފިއެވެ.
ނަޖާހު މި މަގާމަށް އައްޔަން ކޮށްފައި މިވަނީ، އެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި މުއާޒް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އެމަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ. އަދި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި އެމްޑީގެ ނަޖާހް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
ފެނަކައިގެ އެމްޑީއަކަށް އައްޔަން ކުރި ނަޖާހަކީ ދިގު މުއްދަތަކަށް ސިފައިންގޭގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފައެވެ.
ނަޖާހަކީ ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފައެވެ.
މުއާޒް، ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ ކުންފުނިތައް ހިންގަންވާނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީން ކަމަށްވި ނަމަވެސް ފެނަކައަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ފެނަކައިގެ ދަރަނި ހުރި މިންވަރަށް އަޅައި ބަލާއިރު، ހިންގުމުގެ ހަރަދު ކުޑަކޮށްގެން ފެނަކައަށް ދިމާވެފައިވާ މާލީ ހާލަތުން އަރައި ނުގަނެވޭނެ ކަމަށެވެ. މާލީ ހާލަތުން އަރައިގަނެވޭނެ ގޮތުގެ ޕްލޭން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރި ނަމަވެސް އަލިމަގެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ ފެނަކައިގެ 4.3 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް އިރު، ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައިނުވާ ކަމަށެވެ. އަދި ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައަށް ލިބޭ އާމްދަނީއާ އަޅައި ބަލާއިރު، ކުރަންޖެހޭ ހަރަދު އިންތިހާއަށް އިތުރު ކަމަށެވެ. އަދި ފެނަކަ ރައިޓް ސައިޒް ކުރުމުގެ މަސައްކަތަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ލިބެމުންނުދާ ކަމަށެވެ. އަދި ފާއިތުވި އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު