ސަރުކާރުގެ މަގާމުތަކަށް އެ މަނިކުފާނު މީހުން އައްޔަން ކުރައްވަނީ ވައްކަންކޮށް ކޮރަޕްޝަން ހިންގާކަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ހިޔާނާތެއް ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ހުއްޓުވުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި އެކި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޭނުންފުޅު ވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދައާއި ނުގަވާއިދުން ހިންގާ ކަންކަމުން ދުރުވެފައިވާ ސަރުކާރަކަށް ހެދުން ކަމަށެވެ. އެގޮތުން ސަރުކާރުގެ އެކި ތަންތަނަށް އެ މަނިކުފާނު މީހުން އައްޔަންކުރައްވަނީ ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީކީ ވައްކަންކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާހިލާފު ކަމެއް ކުރާކަށް ވެސް ނޫން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީ ވަނީ އެ ސަރުކާރަކުން ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް ޖާގަ ނޯންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު