ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޓާނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން، އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި މިމަހުގެ 19 ވަނަ ދުވަހު އދ. ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން މަރުހަބާ ކިޔައި އެކަމަށް ތާއީދު ދީފައިވާ ކަމަށެވެ.
އެ ގަރާރު ހުށަހަޅާފައިވަނީ ނޯވޭގެ އިސްނެގުމާ އެކު، އެހެން ގައުމުތައް ހިމެނޭ ގްރޫޕަކުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖެއިން ވަނީ އެ ގަރާރު ކޯ-ސްޕޮންސާކޮށްފައި ކަމަށާއި އެ ގަރާރު ފާސްކުރީ ރާއްޖެ ހިމެނޭހެން 137 މެމްބަރު ގައުމުގެ ވޯޓާއެކުގައި ކަމަށެވެ.
ރާއްޖެއިން ގަބޫލުކުރާ ގޮތުގައި މިއީ އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އަޅާ މުހިންމު ފިޔަވަޅެކެވެ. އެ ގަރާރަށް ލިބިފައިވާ ތާއީދަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ބާރެއްކަމުގައި ވެސް ރާއްޖެއިން ގަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ޔަހޫދީން ދަނީ އެއްގަމުންނާއި ވައިގެ މަގުންނާއި އަދި ކަނޑުމަގުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 44,805 މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު