އޭޝިއަން ޓެނިސް ފެޑަރޭޝަން (އޭޓީއެފް) މޯލްޑިވްސް ޖޫނިއާ އޯޕަން 2024 ގެ ސިންގަލްސް ޗެމްޕިއަންކަންވެސް ރާއްޖޭގެ އާރާ އާސާލް އާޒިމް ހޯދައިފިއެވެ.

މިދިޔަ ދެ ހަފުތާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވަނީ އޭޓީއެފް ސެންކްޝަންޑް 16 އަހަރުން ދަށުގެ ދެ މުބާރާތް ހޯސްޓް ކޮށްފައެވެ. ޖޫނިއާ ދެ މުބާރާތުގައިވެސް ރާއްޖޭގެ ކުޅުންތެރިން ކާމިޔާބު ހޯދާފައިވާ އިރު، އެންމެ ފުރަތަމަ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަނަކީ އާރާއެވެ. އޭގެ އިތުރުން އާރާ ވަނީ ފުރަތަމަ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ނަޔާރާ އުސާމާއާއެކު ހޯދައިފައެވެ.

އާރާ ތާރީހީ ދެ ތަށި ހޯދި އިރު، އިއްޔެ ވަނީ އޭޓީއެފް ޖޫނިއާ އޯޕަންގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ. އާރާ އަންހެން ސިންގަލްސް ފައިނަލުގައި ހޮން ކޮންގެ ހިއު ލާމް ވޮންގާ ވާދަކޮށް ސެޓުތައް ގެންދިޔައި 6-2 އަދި 6-3 އިންނެވެ.

އާރާގެ ފައިނަލް ފުރަތަމަ ތާވަލުކޮށް، ކުޅުނީ ހުކުރު ދުވަހު ނަމަވެސް، ވިއްސާރައިގެ ސަބަބުން އިއްޔެއަށް މެޗު ވަނީ ފަސްކޮށްފައެވެ. އެ މެޗުގެ ފެށުންވެސް އާރާ ރަނގަޅުކޮށްފައިވާ އިރު، އިއްޔެވެސް ވަނީ ފޯމު ދަމަހައްޓައިފައެވެ.

މިފަހަރު މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިންޑޮނޭޝިއާގެ ޖޮކީމް މީކާ ގުނަވަން އަދި ޖެކޯނިއާ ވާޑެސްކޯ މަންގުންސޯންގެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އައިޝަތު ކެރީން ސައިޒާނާއި ކަޒަކްސްތާންގެ އަރްޒާން ބަޔަލީނާގެ ޕެއާއެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާގެ އެޝްލިން ޑެ ސިލްވާއެވެ.