މާލެ ސިޓީ ކައުންސިލުގެ މަސައްކަތް ވަގުތީ ގޮތުން ތާޖުއްދީން ސްކޫލު ހޯލަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އަމީނީ މަގުގައި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. އެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ ހިންގާ އިމާރާތް ވަނީ އަނދައި ހުލިވެފައެވެ. އެކަމާ ގުޅިގެން އެ އިމާރާތުގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތައް ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިޔަށް ގެންދާގޮތާ ގުޅޭ މައުލޫމާތު ދެއްވަމުން، މާލޭގެ މޭޔަރު ރޭ ވިދާޅުވީ މިވަގުތު ތަނުގެ ޖާގައިގެ ދަތިކަމުންނާއެކު އެ ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފެށުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ގަލޮޅު މަދަރުސާއިން ވަގުތީ ގޮތުން ތާޖުއްދީން ސްކޫލަށް މިއަދު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ސަރުކާރުން ވަރބަލީ (އަނގަބަހުން) ވާހަކަދައްކައިގެން ތާޖުއްދީން ސްކޫލު ހޯލު ހަމަޖައްސައިދެއްވާނެ. އެއީ މާދަމާ އެގްޒާމްތައް ނިމުނީމަ. އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަވެދާނެ ޑޮކިއުމަންޓްސްތައް ޝޯޓުއައުޓް ކުރަން." މޭޔަރު ވިދާޅުވިއެވެ.
ހުރިހާ ޚިދުމަތްތައް ފުރިހަމަޔަށް ދެވޭނެ ވަކި ދުވަހެއް ވިދާޅުވާން ދަތިކަމަށާއި މި ވަގުތު ބަލަނީ ޑޮކިއުމަންޓްތައް ތަރުތީބުކުރުން ކަމަށާއި އޮފީސް ސެޓަޕް ހަދާފައި މުވައްޒަފުންނަށް ދިންނަމަވެސް ހުރިހާ ޑޮކިއުމަންޓުތައް ތަރުތީބުކޮށްފައި، އެ ޑޮކިއުމަންޓު ތަކަށް މުވައްޒަފުންނަށް އެކްސެސް ވެގެން މެނުވީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ނުދެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ސިޓީކައުންސިލަށް ތަނެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ގިނަ މުއައްސަސާ ތަކަކަށް ރަސްމީކޮށް ސިޓީ ފޮނުއްވާފައިވާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތުގައި މާލެ ސިޓީކައުންސިލުން ދިން ހިދުމަތްތައް ހުޅުމާލެއަށް ބަދަލުކުރިކަން އިއުލާނު ކުރީ އެ ދުވަހުގެ މެންދުގެ ވަގުތެއްގައެވެ. ސިޓީ ކައުންސިލުގެ މީޑިއާއިން "ވަން" އެ ދުވަހު ބުނީ، އެ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރެއިން މާލެ ސަރަހައްދަށް އުފަންވާ އަދި މަރު ފޯމް ހުށަހެޅުމުގެ މަސައްކަތް ކުރިޔަށްގެންދާނީ ހުޅުމާލޭ އަމީން އެވެނިއު މެޕަލް ޓަވަރުގެ ފުރަތަމަބުރީގައި ކަމަށެވެ.
ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް "ވަން"އަށް އެ ދުވަހު ވިދާޅުވީ، އެ ކައުންސިލުގައި ރައްކާކޮށްފައި ހުރި ބައެއް ލިޔެކިޔުންތައް ގެއްލިގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށާއި މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މާލެ ސަރަހައްދުގެ އިމާރާތްތަކުގެ ރަޖިސްޓްރީ އަދި ކުދީންގެ އުފަންދުވަހުގެ ސެޓްފިކެޓް ފަދަ ތަކެތި، އަލިފާންގަނޑުތެރޭ އަނދާފައިވާ ކަމަށް ވާ ނަމަ އެއީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު