މިއަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، ނައިޖީރިއާގެ އަޑެމޯލާ ލުކްމަންއަށް ލިބިއްޖެއެވެ.
އުމުރުން 27 އަހަރު ނައިޖީރިއާ ފޯވަޑް ލުކްމަންއަކީ އިޓަލީގެ އެޓަލާންޓާއަށް ކުޅެމުންދާ ވަރުގަދަ ފޯވަޑެކެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ އިތުރުން މިސީޒަނުގެ މިހާތަނަށްވެސް ކްލަބަށް މޮޅަށް ކުޅެފައެވެ. އޭގެ އިތުރުން މިއަހަރު ކުރީކޮޅުގައި ނައިޖީރިއާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައިވެސް ލުކްމަން ކުޅެފައިވެއެވެ.
ނައިޖީރިއާ އެފްކޯންގެ ފައިނަލަށް ގެންދިޔުމުގައި ލުކްމަން މުހިއްމު ދައުރެއް އަދާކުރި އިރު، އެ މުބާރާތުގެ ތިން މެޗެއްގައި އޭނާ ގޯލު ޖަހާފައިވެއެވެ.
އެޓަލާންޓާއިން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި އިރު، ފައިނަލުގައި އެޓީމު ނުކުތީ ލެވަކޫސަންއާ ދެކޮޅަށެވެ. ލެވަކޫސަން ކޮޅަށް ހެޓްރިކް ހަދައި، ލުކްމަން ވެފައި ވަނީ އެޓަލާންޓާއިން ހޯދި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާ ދާރަށެވެ.
އިންގްލެންޑްގެ ލަންޑަނަށް އުފަން ލުކްމަން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ އެވަޓަންއާއި ފުލްހަމްގެ އިތުރުން ލެސްޓާ ސިޓީއަށް ކުޅެފައެވެ. އޭނާ އެޓަލާންޓާއަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ.
ލުކްމަން ވަނީ މިދިޔަ ސީޒަނުގައި އެޓަލާންޓާއަށް 17 ގޯލު، އަދި މި މިހާތަނަށް މި ސީޒަނުގައި 11 ގޯލު ޖަހައިދީފައެވެ. ލުކްމަންއަކީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނައިޖީރިއާގެ ހަތްވަނަ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު އެވޯޑު ހާސިލުކުރީ ނައިޖީރިއާއަށް ނިސްބަތްވާ ވިކްޓާ އޮސިމެންއެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލުކްމަންއާ އެންމެ ގާތުން ވާދަކުރީ މޮރޮކޯގެ އަޝްރަފު ހަކީމީއާއި ގީނީގެ ސެރްހޫ ގުއިރާސީ، އައިވޮރީ ކޯސްޓްގެ ސިމޮން އަޑިންގްރާ އަދި ދެކުނު އެފްރިކާގެ ކީޕަރު ރޮވެން ވިލިއަމްސްއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން