މާލޭގައި ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީއަކު ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޓާސްކުފޯހުން ވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ރޭގެ ވަގުތެއްގައި ބަލައި ފާސްކޮށްފައި ކަމަށެވެ.
އެ ތަނަކީ އާންމު މިންގަނޑުތަކާ ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެއް ކަމަށާއި އެ ތަނުން ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ އެ ތަނުގައި ގަވާއިދާ ހިލާފަށް މި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ އެ އިދާރާގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގައި ވަނީ ދުފުމަށް ބޭނުންކުރާ އެކި ބާވަތައް ޕެކެޓްކޮށްފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އަންނަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ގަވައިދާ ހިލާފަށް ހިންގަމުންދިޔަ އެތައް ތަނެއް ވަނީ ރެއިޑްކޮށް އެތައް ބިދޭސީންނެއް އަތުލައިގަނެ، އެ މީހުން ޑީޕޯޓްކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު