އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހިމެނޭހެން، އައްޑޫ ސިޓީގައި 4.5 މެގަވޮޓުގެ ސޯލާ ހައިބްރިޑު ނިޒާމެއް ގާއިމުކުރަން ފެނަކަ ކޯޕަރޭޝަނުން، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމަށްވާ ކްލިއާ ފިއުޗާ ސިނާޖީސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން އަންގައި ސިވިލް ކޯޓުން ފެނަކައިގެ މައްޗަށް ވަގުތީ އަމުރެއްކޮށްފިއެވެ.

އައްޑޫގައި ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމެއް ހަދައި އިންސްޓޯލްކުރުމަށް ފެނަކަ އާއި ކްލިއާ ފިއުޗާ ސިނާޖީސްއާ ދެމެދު 20 ޖެނުއަރީ 2022 ގައި ސޮއިކޮށްފައިވާ ޕަވާ ޕާޗޭސް އެގްރީމެންޓް 29 އޮގަސްޓް 2024 ގައި ވަނީ ބާތިލުކޮށްފައެވެ. އެހެންވެ ކްލިއާ ފިއުޗާ ސިނާޖީސް އިން ވަނީ ފެނަކައިން އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުނުވާ ކަމަށް ކަނޑައަޅައިދިނުމުގެ އިތުން އެއްބަސްވުން ބާތިލު ކަމަށް ކަނޑައަޅައި ފެނަކައިން ފޮނުވައިފައިވާ ސިޓީއަށް އަމަލުކުރުމަށް ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ކްލިއާ ފިއުޗާ ސިނާޖީސް އިން މައްސަލައިގައި ބުނެފައިވަނީ ފެނަކައިން އެއްބަސްވުން ބާތިލުކުރި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ޕްރޮޖެކްޓް ފައިނޭންސިން ސެކުއާވި ކަމުގެ ގްރޫފް 31 ޖެނުއަރީ 2024 ގެ ނިޔަލަށް ހުށަހަޅައިފައި ނެތުން ކަމަށެވެ. ނަމަވެސް ޕްރޮޖެކްޓް ފައިނޭންސިން ސެކުއާވިކަމުގެ ލިޔުން ހުށަނޭޅުމަކީ އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތެއް ނޫން ކަމަށް ކްލިއާ ފިއުޗާ ސިނާޖީސްއިން ބުންޏެވެ. އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް އެއްބަސްވުމުގައި އޮތް ހާލަތަކީ ކްލިއާ ފިއުޗާ ސިނާޖީސްއިން އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކުރާ ހާލަތުގައި އެކަމެއް އިސްލާހުކުރަން އަންގައި ނޯޓިސް އޮފް ޑީފޯލްޓެއް ދިނުމަށްފަހު ނުވަތަ ދެ ކުންފުނިން އެއްބަސްވެގެން ކަމަށް ކްލިއާ ފިއުޗާ ސިނާޖީސްއިން ބުންޏެވެ.

ފެނަކައިން އެއްބަސްވުން ބާތިލުކުރިކަން އަންގައި ސިޓީ ފޮނުވުމުން މައްސަލަ ހައްލުކުރަން ފެނަކައާ މަޝްވަރާކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް ފެނަކައިން އެއްވެސް ކަހަލަ ޖަވާބެއް އެކަމާ ގުޅިގެން ދީފައިނުވާ ކަމަށް ކްލިއާ ފިއުޗާ ސިނާޖީސްއިން ބުންޏެވެ. އައްޑޫގައި ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމެއް ހަދައި އިންސްޓޯލްކުރުމަށް ފެނަކައާއެކު އެއްބަސްވުން ހަދައިފައިވަނީ 20 އަހަރުގެ މުއްދަތަކަށް ކަމަށް ކްލިއާ ފިއުޗާ ސިނާޖީސްއިން ބުންޏެވެ. އެއްބަސްވެފައިވާ 20 އަހަރުގެ މުއްދަތަށް ހިސާބުކުރާ އިރު، 33.9 މިލިއަން ޑޮލަރުގެ ގެއްލުން ކުންފުންޏަށް އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބޭނެ ކަމަށް ކްލިއާ ފިއުޗާ ސިނާޖީސްއިން ބުންޏެވެ. އަދި މި ޕްރޮޖެކްޓަށް 7.2 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ހޯދާފައިވާ ކަމަށެވެ.

އެކަންކަމާ ގުޅިގެން ފެނަކައިން ބުނެފައިވަނީ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްނުދާތީ ފައިސާ ހަމަޖެހުނުކަމުގެ ލިޔުން ހުށަހަޅަން މުހުލަތެއް ދީފައިވަނީ ކްލިއާ ފިއުޗާ ސިނާޖީސްއާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. ފެނަކައިން ބުނީ އެ ކުންފުންޏަށް ދިން ތާރީހު ކަމުގައިވާ މި އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށް ވެސް ފައިސާ ހަމަޖެހިފައި ނުވާކަން މި މުއާމަލާތާ ގުޅިގެން އެކި ދުވަސް މަތިން ބަދަލުކުރި އީމެއިލްތަކުން އެނގޭ ކަމަށެވެ. ފައިސާ ހަމެޖެހުނުކަން ކްލިއާ ފިއުޗާ ސިނާޖީސްއިން ފެނަކައަށް އެންގީ މިދިޔަ ސެޕްޓެމްބަރު 17 ގައި ކަމަށް ފެނަކައިން ބުންޏެވެ. އެހެންކަމުން އެ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް ޒިންމާތައް އަދާނުކުރާ އެނގޭ ކަމަށް ފެނަކައިން ބުންޏެވެ.

ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު އަމުރުކުރީ ކްލީއާ ފިއުޗާ ސިނާޖީސްއިން އެދުނު ގޮތަށް އެއްބަސްވުން ބާތިލުކުރި ކަމަށް ފެނަކައިން ފޮނުވި ސިޓީއަށް އަމަލު ނުކުރުމަށާއި އެއްބަސްވުމުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ހައްގު ހިމެނިދާނެ ކަމެއް ނުކުރުމަށެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ކްލިއާ ފިއުޗާ ސިނާޖީސްއަށް އެފަދަ އަމުރަކަށް އެދުމުގެ ހައްގު ލިބިގެންވާ ކަމަށް ފެނަކައިން ސުވާލު އުފައްދައިފައިނުވާތީއެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ޒުލައިހާ ޝީޒާ އެވެ.