ޑްރަގް ޓްރެފިކް ކުރި މީހަކު 12 އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ، އަބްދުﷲ އިބްރާހިމް ޏ.ފުވައްމުލައް ފުނާޑު ލުޝް، ގެ މައްޗަށެވެ.

މިއީ 15 އޮގަސްޓް 2023 ވަނަ ދުވަހު މަލޭގެ އެއްނަންބަރު ޖެޓީން ފުރާ "ފުރާގު" ލޯންޗުން މަސްތުވާތަކެތި ހިފައިގެން އޭނާ ފުރަންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ އެއްނަންބަރު ޖެޓީ ކައިރީގައި ހުއްޓާ އޭނާގެ ދަބަސް ފާސްކޮށް ބެލިއިރު ދަބަހުގެ ތެރެއިން ކެނަބިސް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ.

މިދައުވާގައި އޭނާގެ މައްޗަށް އިއްވި ޑްރަގް ޓްރެފިކިންގެ ދައުވާއަށް ފުރަތަމަކޮޅުގައި އިންކާރު ކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އެ ކަމަށް އިއުތިރާފުވެފައެވެ.

އެހެންކަމުން ޑްރަގް ޓްރެފިކް ކުރި މައްސަލައިގައި 12 އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް، 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.